ދިވެހި ރައްޔިތުން ކައިބޮއި އުޅެނީ ވަކި ބަޔަކު ދިނުމުން ކަމަށް މިހާރުގެ ވެރިން ގްބޫލުކުރައްވަނީ ކީއްވެތޯ ސުވާލު އުފެދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމދު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ގައްސާން މިފަދައިން ވިދާޅުވީ ހުވަދު އަތޮޅުގެ ރަށްތަކަށް އިދިކޮޅު ކޯލިޝަނުގެ ފަރާތުން ކުރަމުންދާ ދަތުރުގައި ގދ. ގައްދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ގައްސާން ވިދާޅުވީ ފަރުދަކަށްވިޔަސް، ރަށަކަށް ވިޔަސް އަދި ޤައުމަކަށްވީ ނަމަވެސް ރަޒުޤު ދެއްވަނީ މާތްﷲ ކަމަށެވެ.
މީހަކު އަމިއްލައަށް ފަރުބަދައެއްގެ ހޮހަޅައެއްގެ އެތެރޭގައި ފޮއްޓަކަށް އެރި ތަޅުލެވިގެން އޮތް ކަމުގައިވީ ނަމަވެސް އެކަލާނގެ މިންވަރުފުޅަށް ފިލައިގެން ނޫޅެވޭނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.
އަދި ކަން މިހެން އޮތްއިރު، ވަކި ބަޔަކަށް ބަރޯސާވެގެން މުޅި ގައުމު ވިއްކައި ދީލާލައިގެން، ދިވެހިންނަކީ އެބަޔަކަށްވުރެ ދަށް ބައެއް ކަމަށް ދެކި ކައިބޮއި އުޅޭނީ އެބަޔަކު ދިނީމާ ކަމަށް ޤަބޫލުކޮށްގެން އަޅުވެތިކަމާ ދިމާލަށް ގައުމު ގެންދަނީ ކީއްވެތޯ ހިތަށް އަރާ ކަމަށްވެސް ގައްސާން ވިދާޅުވިއެވެ.
މީގެއިތުރުން، ގައްސާން ވިދާޅުވީ، ހުރިހާ ގޮތަކުން ކިތަންމެ ނިކަމެތި ގައުމެއް ކަމުގައިވީ ނަމަވެސް ދިވެހިންނަކީ ވަރަށް ފަޚުރުވެރި ބައެއް ކަމަށާއި، ދިވެހިން މަސައްކަތްކުރާނަމަ މާތްﷲގެ ވާގިފުޅާއެކު ދިވެހިންނަށް ރިޒްގު ލިބޭނެ ކަމަށެވެ.
ރާއްޖެ މިހާރު ކުރިއަށްދަނީ ބިރުވެރި ނާމާން މިސްރާބަކަށް ކަމަށާއި، ޤައުމުގެ މިސްރާބު ބަދަލުކުރެވެން އޮތީ ރައީސް ޔާމީން މިނިވަންކޮށް އެމަނިކުފާނު އަނބުރާ ރާއްޖޭގެ ވެރިކަމަށް ގެންނަވައިގެން ކަމަށާއި، ޕީޕީއެމްގެ ހުރިހާ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުން އެކަން ހާސިލުވާނެ ކަމަށްވެސް ގައްސާން ވިދާޅުވިއެވެ.
ދިވެހިން ކައިބޮއިއުޅެނީ ވަކި ބަޔަކު ދީގެނެއް ނޫން: ޣައްސާން މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ