ވެރިކަން ހިނގަމުންދަނީ ރައްޔިތުން އެދޭ ގޮތަށް: ނައިބު ރައީސް

މިއަދު ވެރިކަން ހިނގަމުންދަނީ ރައްޔިތުން އެދޭގޮތަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ކުރިޔަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޑިމޮކްރަސީގެ ބޭނުމަކީ ރައްޔިތުން ބާރުވެރި ކުރުވުން ކަމަށާއި މިއަދު ވެރިކަން ހިނގަމުންދަނީ ރައްޔިތުން އެދޭގޮތަށް ކަމަށެވެ. އަދި ކުރާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންގެ ބަސް އެހުމަކީ ހަނދާނުގައި ބަހައްޓަންޖެހޭ ކަމެއް ކަމަށާއި ބޮޑު އެތި ކުޑައެތި ކާލާ ދުވަސްތައް މާޒީވެ ގޮސްފައިވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި ވެސް ހަމަހަމަ އުސޫލުތައް، ހަމަހަމަކަން ގެންގުޅުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އަޣުލަބިއްޔަތަށް ތަބާވުމަކީ އެއީ ހިތާއި ރޫހުން އެކަމެއް ބަލައިގަންނަންޖެހޭނެ ކަމެއް" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ކޮންމެ ގައުމަކަށް ވެސް ތަރައްގީއާ ހަމައަށް ދެވެނީ ހަމަހަމަކަން އޮވެގެން ކަމަށާއި އެގޮތުން ސިޔާސީ މައިދާނުގައި އަންހެނުންނަށް ބައިވެރިވުމުގެ ފުރުސަތު އިތުރުކުރުމަށް މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ. އަދި އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ ނުކުރެވޭނެ ކަމެއް ނޯންނާނެކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ ގައުމު މިވަގުތު އޮތް ހާލަތުން މިއީ އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ގެއްލިގެން ގޮސްފައިވާތަން އަނބުރާ ހޯދުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި ދެކޮޅުވެރިވެގެން ލިބޭނެ ކުރިއެރުމެއް ނެތް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ