ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ރަނގަޅު އާމްދަނީއެއް ހޯދައިދޭންޖެހޭ: މިނިސްޓަރ

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރަނގަޅު އާމްދަނީއެއް ހޯދައިދޭންޖެހޭކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ވީނިއުސްރޫމްގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ، އެކަށީގެންވާވަރަށް އެސިނާއަތުގައި މަސަައްކަތްކުރާ މުވައްޒަފުންނަށް އާމްދަނީ ނުލިބޭކަމަށެވެ. ރަނގަޅު އާމްދަނީއެއް ލިބޭނަމަ، ސާވިސް ޗާޖުގެ ވާހަކަވެސް ނުދައްކާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މުވައްޒަފުންނަށް މުހިންމީ ސާވިސް ޗާޖާއި، މިނިމަމް ވޭޖް ނޫންކަމަށާއި، މުހިންމީ ދިރިއުޅެވޭނެ އެކަށީގެންވާ އާމްދަނީއެއްކަަމަށެވެ. މިނިސްޓްރީގެ މަގްސަަަދަކީ އެ އާމްދަނީ ހޯދައިދިނުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސާވިސް ޗާޖަކީ އެތަނެއްގެ އާމްދަނީއަކަށް ބިނާކޮށްގެން ދޭ އެއްޗެއްކަން ފާހަގަކުރައްވާ މިނިސްޓަރު ޑރ މައުސޫމް ވިދާޅުވީ، އެ ބަހާނެގޮތްވެސް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކަނޑައަޅާފައިވާކަމަށެވެ. ޓުއަރިމް މިނިސްޓްރީން މިހާރު ސާވިސް ޗާޖާއި ގުޅިގެން ކުރަން ބޭނުންވާ ޝަކުވާތައް ހުށައެޅުމަށް އީމެއިލްއެއް ހަދާފައިވާނެކަމަށާއި، އެ އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށައެޅުމުން އެކަމެއް ބަލާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19ގެ ޕެންޑަމިކާއި ގުޅިގެން މި ދާއިރާގެ މުވައްޒަފުން ވަނީ ވަރަށް ބޮޑު ގުރުބާނީއެއް ވެފައިކަން ފާހަގަކުރައްވާފައެވެ. މިފަދަ ގުރުބާނީއެއް ވަމުން އަންނައިރު، އެކަށީގެންވާ އާމްދަނީއެއް ނުލިބުމުން ވަރަށް ދަތި އިހުސާސެއް ކުރެވޭނެކަމަށެވެ.
އެހެންކަމުން، ސާވިސް ޗާޖު ނުވަތަ ޓިޕްސް މެދުވެރިކޮށްވިޔަސް، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭވަރަށް އާމްދަނީއެއް ހޯދައިދޭންޖެހޭކަމަށް މިނިސްޓަރު ޑރ މައުސޫމް ވިދާޅުވިއެވެ. އަދި އެމަގަށް ދިޔުމަސް ކުރަމުންގެންދާ މަސައްކަތް ކާމިޔާބުވާނެކަމަށެވެ.
މުވައްޒަފުން ތަމްރީންކުރުމާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މި ދާއިރާއަށް އަންހެން މުވައްޒަފުން އިތުރުކުރަން މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މިހާރު މިދާއިރާގައި ހަރަކާތްތެރިވާ އަންހެން މުވައްޒަފުން ގެ އަދަދު ގިނަވަމުން އަންނަކަމަށެވެ. އަދި މިހާރު މީހުން ދިރިއުޅޭ ރަށްރަށާއި ކައިރި ރަށްތަކުގައި ރިސޯޓުތައް ތަރައްގީކުރެވުމުން އަންހެނުންނަށް ވަރަށް ބޮޑަށް މިދާއިރާގައި ވަޒީފާ އަދާކުރަން ފަސޭހަވާނެކަމަށް މިިނިސްޓަރު ވިދާޅުވިއެެވެ.
މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ، ރިސޯޓުތަކުގެ މަތީ ގަމާމުތައް ހުސްވުމުން އެމަގާމުތަކަށް މީހުން ލުމަށް އެމީހުން ބިނާކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އެހެންކަމުން މިފަދަ ކަންކަމަށް ހާއްސަކޮށްގެން މިނިސްޓްރީގައި މިހާރު ޓްރެއިނިން ޔުނިޓެއް ގާއިމްކޮށްފައިވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ބޭނުންވަނީ ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއްގެ މުޅި މެނޭޖްމެންޓް ދިވެހިންނަށް ބަދަލުކުރުމަށްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ