ސިޔާސީ ޕާޓީތައް ގުޅިގެން އުފެއްދި ކޯލިޝަންގެ މައްޗަށް އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބު ނުހޯދުނު ނަމަވެސް، އެމްޑީޕީ އަށް ރައްޔިތުން ކުރާ އިތުބާރު ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީ އަށް ރައްޔިތުން ކުރި ތާއީދަށް ޝުކުރުއަދާކޮށް މިއަދު އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހަނި ތަފާތަކުން ތަފާތު ސިޔާސީ ޕާޓީތައް ގުޅިގެން އުފެއްދި ކޯލިޝަންގެ މައްޗަށް އެމްޑީޕީގެ ކެނޑިޑޭޓަށް ކާމިޔާބު ނުހޯދުނު ނަމަވެސް، 105181މީހުންގެ ވޯޓާ އެކު ވޯޓުލީ މީހުންގެ 48.16 ޕަސެންޓް އެމްޑީޕީއިން ހޯދާފައި ވާތީ، ދިވެހި ރައްޔިތުން ކުރާ އިތުބާރު ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ނިމިގެން ދިޔަ އިންތިޚާބުތަކުގައި އެމްޑީޕީ އަށް ލިބުނު ވޯޓުގެ އަދަދު އިތުރުވަމުން ދިޔުމަކީ އެ ޕާޓީން ހެޔޮ ވެރިކަމެއް ގާއިމްކޮށް ޑިމޮކްރެސީގެ އަސާސްތައް ނަގަހައްޓާއި، ރައްޔިތުންގެ ފަރުދީ މިނިވަންކަން ދިފާއުކުރުމަށް ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން އަންގައިދޭ ކަމެއް ކަމަށެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި އަދި ބުނީ އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 91.41 ޕަސެންޓް މީހުން ނިކުމެ ވޯޓު ދިނުމުގެ ހައްގު ބޭނުންކޮށްފައި ވާތީ ޑިމޮކްރެސީގެ އުސޫލުތައް ނެގެހެއްޓުމަށް ރައްޔިތުން ކުރަމުންދާ އުންމީދުތައް ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި ވޭތުވެ ދިޔަ ދުވަސްތަކުގައި ގާނޫނީ ވެރިކަމެއް ނެތިގޮސް، ރައްޔިތުން އުފުލި ތަކުލީފަށް ނިމުމެއް ގެނައުމަށް އެމްޑީޕީ އިން ތަކުރާރުކޮށް އިންތިޚާބެއް ބޭއްވުމަށް އެމްޑީޕީން ގޮވަމުން އައި ގޮވުމަކީ ރައްޔިތުން ވެސް ބޭނުންވާ ގޮތްކަން އެނގިގެން ހިނގައްޖެ ކަމަށެވެ.
އަދި ދިމާވި ގޮންޖެހުންތަކާއި އެކުވެސް ސިޔާސީ ޕާޓީތަކާއި، ބައިނަލްއަޤްވާމީ ޖަމިއްޔާތައް ބަލައިގަންނަ ފަދަ އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބުރަކޮށް މަސައްކަތްކުރައްވައި، އެފަދަ އިންތިޚާބެއް ބާއްވައި ދެއްވައިފައިވާތީ އިލެކްޝަންސް ކޮމިޝަން އަށް އެމްޑީޕީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެމްޑީޕީގެ ބަޔާނުގައި އަދި ބުނީ ވާދަވެރި ސިޔާސީ ޕާޓީގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ޕާޓީއިން ދެމިތިބޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ބަލި ގަބޫލު ކުރައްވައި މާލޭ ސިޓީ ހޯލުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުން އެމްޑީޕީން ބަލިވީ "އަޅުގަނޑުގެ ސަބަބުން އަދި ފެއިލްވީ ވެސް އަޅުގަޑު" ކަމަށެވެ.
މި ޕާޓީ އަށް ރައްޔިތުން ކުރާ އިތުބާރު ވަރަށް ރަނގަޅު: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ