ސައްޙަ ނޫން އެގްރިމެންޓެއް ދަމަހައްޓަން ކޯޓުން ހުކުމް ކުރުމުން ހިތާމަ ކުރަން- ޖުނައިދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ތެޔޮ ސަޕްލައީ ކުރުމަށް މިއަހަރު ހަދާފައިވާ އެއްބަސްވުމަކީ ސައްޙަ ނޫން އެއްބަސް ވުމެއް ކަމަށާއި އެފަދަ އެގްރިމެންޓެއް ދަމަހައްޓަން ސިވިލް ކޯޓުން ހުކުމް ކުރުމުން އެކަމާއި ހިތާމަ ކުރައްވާ ކަމަށް އެމްޕީއެލް ގެ ސޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.
އޮންލައިން ނޫހެއް ކަމަށްވާ ‘މިއަދު’ ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ މިއަސު ވިދާޅުވީ އެންމެ ބޮޑަށް ހިތާމަ ކުރައްވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވަނިކޮށް އެކަމަށް ބެލުމެއް ނެތި ސިވިލް ކޯޓުން ހުކުމެއް ކުރުމުން ކަމަށެވެ.
“ދެން އޮތް މައްސަލައަކީ ތެޔޮ ގަންނަން މިޖެހޭ އަގު. ހަތް ރުފިޔާއަށް ލީޓަރެއް ލިބެން އެބައޮތް. އެސްޓީއޯ އިންވެސް މިހާރު ތެޔޮ ވިއްކަނީ އެންމެ އަށް ރުފިޔާއަށް ލީޓަރެއް، ހަމަ އެޑީސަލް މެރިޑިއަމް ކިޔާތަނަކުން 12 ރުފިޔާއަށް ލީޓަރެއް ގަންނަން ޖެހުމަކީ މިހާ ގިނަ ތެޔޮ ގަންނަން ޖެހޭ ކުންފުންޏަކަށް ލިބޭ ކިހާ ބޮޑު ގެއްލުމެއްތޯ؟” އެމްޕީއެލް ގެ ސީއީއޯ ޖުނައިދު ސުވާލު ކުރެއްވިއެވެ.
މީގެ އިތުރުން ޖުނައިދު ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ކުރިއަރުވަން މިސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަށް ކުރަމުން ގެންދާއިރު ކަނޑައެޅިގެން އަހަރަކު އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ގޮތްތަށް މެދުވެރި ވުމަކީ ދައުލަތަށާއި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
މެރިޑިއަމް އާއި އެކު ހަދާފައިވާ އެއްބަސް ވުމަކީ ސައްޙަ އެއްބަސް ވުމެއް ކަމަށް މެރިޑިއަމް އިން ބުނަމުން ދާއިރު، އެމްޕީއެލް އިން ބުނަމުން ދަނީ އެއީ ސައްޙަ ނޫން އެއްބަސްވުމެއް ކަމަށެވެ. އަދި އެއީ ކުންފުނީގެ ބޯޑުން ފާސް ނުކޮށް ހަދާފައިވާ އެއްބަސްވުމެއް ކަމަށް ވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
ސިވިލް ކޯޓުން ކޮށްފައިވާ މިޙުކުމް ވަރަށް އަވަހަށް އިސްތިއުނާފު ކުރާނެ ކަމަށް އެމްޕީއެލް ގެ ސީއީއޯ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ