އަބްދުﷲ ގާޒީ އާއި ތިން ފަނޑިޔާރުންގެ މައްޗަށް އަބުރުގެ ދައުވާކުރަން ނަޝީދު ނިންމަވައިފި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރުންނާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ މައްޗަށް އަބުރުގެ ދައުވާކުރަން ނަޝީދު ނިންމަވައިފިއެވެ.
ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މާޗް 23 ވަނަ ދުވަހު، ކްރިމިނަލް ކޯޓުގެ ނޫސްބަޔާނުގައި ނަޝީދު، އެމަނިކުފާނު ކޯޓުގައި ދެއްކެވި ވާހަކަތައް ތަފްޞީލުކޮށްދޭ ބަޔާނުގައި ސޮއިކުރައްވާން އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފައިވާ ކަމަށާއި މިއީ ކްރިމިނަލް ކޯޓްއިން ހަގީގަތާއި ޚިިލާފަށް ދައްކަވާފައިވާ ވާހަކައެއް ކަމަށެވެ.
މި މައްސަލައިގެ ފުރަތަމަ ދުވަހުގެ ޝަރީއަތުގެ އަޑު އެހުމަށްފަހު ރައީސް ނަޝީދު އެދުވަހު ކޯޓްގައި ދެއްކެވި ވާހަކަފުޅުތައް ކަމަށް ބުނެ އުފައްދާފައިވާ ލިޔުމެއް ރައީސް ނަޝީދަށް ދެއްކެވި ކަމަށާއި އެދުވަހު ނަޝީދު ވިދާޅުވީ، އެލިޔުމަކީ އެމަނިކުފާނު އެދުވަހު ކޯޓްގައި ދެއްކެވި ވާހަކަތަށް ބަޔާންކުރާ ލިޔުމެއް ނޫންކަމަށެވެ. އެމަނިކުފާނު ކޯޓުގައި ދެއްކެވި ވާހަކަތަށް ހިމަނައި، އެލިޔުން އިޞްލާޙްކޮށްދެއްވުމަށް، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގަތެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ކްރިމިނަލް ކޯޓް އިން އެކަން އެގޮތަށް ނުކުރައްވާ ކަމަށް އެ ބަޔާނުގައިވެއެވެ.
"މާޗް 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ފަރާތުން އެމަނިކުފާން ލައްވާ ލިޔުމެއްގައި ސޮއި ކުރުވާން މަސައްކަތްކުރެއްވިއެވެ. އެދުވަހު، ކޯޓުގެ އޮފިޝަލުން އަރިހުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި، އެމަނިކުފާނު ބަޔާނުގައި ސޮއި ކުރެއްވުމުގެ އެއްވެސް ކަމެއް ކުރައްވާނީ، އެމަނިކުފާނުގެ ވަކީލުންގެ ޙާޒިރުގައި ކަމަށެވެ." ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.
އަދި ވިދިގެން އައި 15 މާޗު ވީ އާދިއްތަ ދުވަހު، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވުނު މިޙުކުމާއި ގުޅޭ ޝަރީއަތް ނިންމުނު ގޮތުގެ ރިޕޯޓު ހޯދުމަށް ކްރިމިނަލް ކޯޓްގައި ލިޔުމުން ދެންނެވި ކަމަށާއި މިއަދާ ހަމައަށްވެސް އަޅުގަނޑުމެންނަށް އެރިޕޯޓު ލިބިފައިނުވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
"އެރިޕޯޓް އަޅުގަނޑުމެންނަށް ނުދެއްވިވަނީ، ރައީސް މުޙައްމަދު ނަޝީދު މިރިޕޯޓްގައި ސޮއި ކުރައްވާފައި ނުވާތީ ކަމުގައި ކްރިމިނަލް ކޯޓް އިން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެންނަމަވެސް، އެރިޕޯޓްގައި ހިމަނަންޖެހޭ، ބަޔާންތަކުގައި ރައީސް މުޙައްމަދު ނަޝީދު ލައްވާ ސޮއިކުރުމަށް، އެކޯޓުން މަސައްކަތް ކުރައްވާފައެއް ނުވެއެވެ. ކަންތައްތައް މިދެންނެވި މަގުން، ހިނގާފައި ވަނިކޮށް، 26 މާޗް 2015 ވީ ބުރާސްފަތި ދުވަހުގެރޭ، ކްރިމިނަލް ކޯޓްއިން ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދު އެކޯޓްގެ ބަޔާންތަކުގައި ސޮއި ކުރައްވައިފި ކަމަށެވެ. އެހެންކަމުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯރޓް ރައްދުކޮށްދެއްވާނެ ކަމަށެވެ. 26 މާޗް 2015 ވީ ބުރާސްފަތި ދުވަހުގެރޭ ކްރިމިނަލް ކޯޓް އިން އަނެއްކާވެސް ހައްދަވާފައިއެވަނީ ކަނޑައެޅިގެން އިތުރުފުޅެވެ." ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރި ދައުވާގެ މައްސަލަ ބެލި ތިން ފަނޑިޔާރުންނަކީ ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ އަބްދުލްބާރީ ޔޫސުފްގެ އިތުރުން ގާޒީ ޝުޖާއު އުސްމާނެވެ. ރިޔާސަތު ބެލެހެއްޓެވީ އަބްދުﷲ ދީދީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ