ބޭރުގެ ފާޑު ކިއުންތަކާ މެދު ކަންބޮޑުވާކަށް ނުޖެހޭ - ރައީސް މައުމޫން

ރާއްޖޭގެ ކަންކަމަށް ބޭރުގެ އެކި ފަރާތްތަކުން ފާޑުކިޔަސް ކަންބޮޑުވާން ނުޖެހޭ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރުގެ ބާނީ އަދި ކުރީގެ ބޮޑުވަޒީރު ލީކް އަން ޔޫގެ ޖަނާޒާގައި ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި ފުރައި ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ބައެއް ފަރާތްތަކުން ބޭރު މީހުންނާ ގުޅިގެން ކަންތައްތަކެއް ކުރާ ކަމަށާއި ބޭރުގެ އެކި ފަރާތްތަކުން ރާއްޖޭގެ ކަން ކަމުގައި ފާޑު ކިޔަސް އެކަން ކަމާ މެދު ކަންބޮޑު ވާކަށް ނުޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަންކަމާ ފާޑުކިޔާ މީހުންނާ ގުޅިފައި ތިބި ދިވެހިން ވެސް ބޭނުންވަނީ އެމީހުންގެ މަގުސަދު ހާސިލްވާ ގޮތަށް ކަންތައް ކޮށްދިނުމަށެވެ.
"އަޅުގަނޑުމެންގެ އެންމެ މަތީ މަސްލަހަތަކީ ދިވެހި ގައުމުގެ މަސްލަހަތު. ގައުމަށް އިސްކަންދީގެން، ގައުމަށް ބޭނުންވާ ގޮތަށް ކަންތައް ކުރުން އެއީ އަޅުގަނޑުމެން ކަންތައް ކުރަމުންދާ ގޮތަކީ." މައުމޫން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމް ގެ ދައުވާގައި އެމަނިކުފާނު މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން ދިވެހި ސަރުކާރަށް ބޭރުގެ އެކު ފަރާތްތަކުގެ ބަސްތައް އަމާޒުވެފައިވާ ވުމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މިއަދުގެ ސަރުކާރުން ބޭނުން ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ހެވާއި ލާބައަށް ކަންތައްތައް ކޮށްދޭން ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަންކަމަށް ބޭރުގެ ފަރާތްތަކުން ފާޑުކިޔަނީ ހަގީގަތަށް ބެލުމެއް ނެތި އެވެ. އަދި އެމީހުން ވާހަކަ ދައްކަނީ ވަރަށް ކުރިއްސުރެ ފެށިގެން ވަކި ގޮތަކަށް ކަންކަން ގަބޫލުކޮށްގެން ތިބެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި ވެސް ކަންކަން ކުރަމުން ދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ