އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ މަޝްވަރާތަކުގައި މޫސާ ޖަލީލް ބައިވެރިވިކަމެއް ނޭނގޭ - ޝިޔާމް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް މަޝްވަރާ ކުރި އެއްވެސް ބައްދަލުވުމެއްގައި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަަރ މޫސާ އަލީ ޖަލީލް ބައިވެރިވެވަޑައިގަތް ކަމެއް ނޭނގޭ ކަމަށް މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ޝަރީޢަތުގެ އަޑުއެހުމުގައި، ހެކިބަސް ދެއްވަމުން، މޭޖަރ ޖެނެރަލް ޝިޔާމް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް މަޝްވަރާކުރި އެއްވެސް ބައްދަލުވުމެއްގައި މޫސާ އަލީ ޖަލީލް ބައިވެރިވެވަޑައިގެންނެވިކަން އެނގިފައި ނުވާ ކަމަށެވެ.
އަދި، އަބްދުުﷲ ގާޒީގެ ސަބަބުން ރާއްޖޭގެ ޤައުމީ ސަލާމަަތަާށް ނުރައްކާވާ ކަމަށް، އޭރުގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނު ވިދާޅުވި ބައްދަލުވުމުގައި މޫސާ އަލީ ޖަލީލް ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެހެން ނަމަވެސް، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި މޫސާ އަލީ ޖަލީލްވެސް ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ޝިޔާމް ފޮނުވި ސިޓީއެއް ޝަރީޢަތުގައި ހުށަހެޅުމުން، އެސިޓީ އޭނާ ލިޔުއްވި ކަމަށް ޝިޔާމް އެއްބަސްވެވަޑައިގެންނެވިއެވެ.
މިކަމާ ޝިޔާމް ވިދާޅުވީ، އެ ސިޓީ ފޮނުއްވީ އޭރު ސިފައިންގޭގެ އއޮޕަރޭޝަންސްގެ ކަންކަން ރޭވިފައި އޮތްގޮތް ބެލުމަށްފަހުގައި ކަމަށެވެ. އެހެން ނަމަވެސް ފަހުން އޭނާ ބެލި ބެލުމުން ކަން ހިނގާފައި ވަނީ އެެހެން ނޫން ކަން އެނގިފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
މޫސާ އަލީ ޖަލީލްގެ ދައުރެއް މިކަމުގައި ނެތްކަމަށް ދޭހަވާ ގޮތަކަށް ޝިޔާމް ވާހަކަ ދެއްކެވި ނަމަވެސް، އޭރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި އައިޖީއެމްއެޗްގެ މިހާރުގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ، އަބްދުﷲ ގާޒީ ހައްޔަރުކުުރުމުގެ އޮޕަރޭޝަނުގެ އެލާޓް ދަރަޖަ ބަދަލުކުރުމަށް މޫސާ އަލީ ޖަލީލް ލަފާއަށް އެދިލެއްވި ކަމަށެވެ.
މޫސާ އަލީ ޖަލީލްގެ ޝަރީއަތެއް މިއަދު ބާއްވާފައިވާ އިރު، މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި، ފަނޑިޔާރުންގެ ބެންޗުން، މޫސާ އަލީ ޖަލީލްގެ ފަރާތުން ހުށަހެޅި ހެކިން ހާޒިރު ނުކުރަން ވަނީ ނިންމާފައެވެ. އަދި އެ ނިންމުން ނިންމެވި ސަބަބެއް ކަމަށް ޝަރީޢަތުން ވިދާޅުވީ، އެ ހެކިންނަކީ ދައުލަތުގެ ހެކިބަސް ނަފީ ކުރެވޭނެ ހެކިންގެ ގޮތުގައި ފަނޑިޔާރުންނަށް ނުފެންނާތީ ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ މާދަމާ މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން އޮންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ