ޚިޔާލުފާޅުކުރުން ނައްތާލާ ބިލުގެ ވޯޓަށް އަހަން އެޖެންޑާކޮށްފައި ވަނިކޮށް ގާސިމް ތައިލެންޑަށް

ހިޔާލުފާޅުކުރުން ހަނިކުރަން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާވޫދު ހުށަހެއްޅުވި ބިލާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވުމަށްފަހު، މާދަމާ ވޯޓަށް އަހަން އެޖެންޑާކޮށްފައި ވަނިކޮށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖޫމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ތައިލެންޑަށް ފުރާވަޑައިގެންފި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ގާސިމް ތައިލެންޑަށް ވަޑައިގެންނެވީ އާއިލާގެ ބޭފުޅަކު ބަލިވެގެން ކަމަށް ވިދާޅުވެ އެވެ.
ގާސިމް މިދިޔަ ހަފުތާގައި ބައެއް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވެފައި ވަނީ ‎ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލަކީ ކޮރަޕްޝަން ހިންގަން ހުޅުވާލެވޭ ދޮރެއް ކަމަށާއި އެ ބިލާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށެވެ.
‎ބިލާ ދެކޮޅަށް މަސައްކަތް ކުރާ "27ގެ ދިފާއުގައި" ހަރަކާތުގެ އިސް ފަރާތްތަކާ އެކު ޖޭޕީގެ ޕާލިމެންޓްރީ ގުރޫޕުން ބޭއްވި ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ އަބުރުގެ ބިލު ގާނޫނުއަސާސީއާާ ސީދާ ތައާރުޒުވާ ކަމަށެވެ. ބިލު އޮތް ގޮތުން ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށްވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރެވޭކަން އޭނާ ފާހަގަކުރެއްވި އެވެ.
‎"މިއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ނިކަމެތިކަމެއް،" ޖޭޕީގެ ހަރުގެ، މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ގާސިމް ވިދާޅުވެފައިވެ އެވެ.
‎މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ އަބުރުގެ ބިލު ބަލައިގަތުމާ މެދު ނެގި ވޯޓުގައި އޭނާ އާއި އޭނާގެ ޕާޓީގެ ގިނަ މެމްބަރުން ބިލާ ދެކޮޅު ހެއްދެވި ކަމަށެވެ. ބިލަށް އެކަށީގެންވާ ބޮޑެތި ބަދަލުތަކެއް ކޮމިޓީ މަރުހަލާގައި ނުގެނެސްފި ނަމަ އެ ބިލާ ދެކޮޅަށް ވޯޓު ދޭނެ ކަމަށާއި ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕުން ވިޕެއް ނެރެން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވި އެވެ.
‎"އަޅުގަނޑު ޖަހާނީ ސީދާ ރެޑު [ނޫނެކޭ]،" އޭނާ ވިދާޅުވި އެވެ.
‎ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރު ޖައުފަރު ހުށަހެޅުއްވި މަޖިލީހުގެ ކޮމިޓީން ވަނީ ކުރިޔަށް ވުރެ ގޯސް ބައެއް އިސްލާހުތަކެއް ހިމެނޭ ގޮތަށް ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ