16 ފަހަރު ވޯޓުލައިގެން މުރައިދޫ ކައުންސިލްގެ ރައީސް ކަމަށް އަދާލަތުގެ މެމްބަރު ހޮވައިފި

ހއ. މުރައިދޫ ކައުންސިލްގެ ރައީސަކު ނުހޮވި ދިގުލައިގެން ދިއުމަށްފަހު 16 ވަނަ ބައްދަލުވުމުގައި އެ ކައުންސިލްގެ ރައީސް ކަމަށް އަދާލަތު ޕާޓީގެ މެމްބަރު ހޮވައިފި އެވެ.
މުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް މީހަކު ހަމަނުޖެހި ގިނަ ދުވަސްތަކެއްް ފާއިތުވެގެން ދިޔައީ އެ މަގާމަށް ކައުންސިލްގައި ހިމެނޭ ތިން ޕާޓީގެ މެމްބަރުން ކުރިމަތިލުމުގެ ސަބަބުން ވޯޓު ބެހިގެން ދާތީ އެވެ. އެމްޑީޕީގެ ދެ މެމްބަރުންނާއި ޕީޕީއެމްގެ ދެ މެމްބަރުންނާއި އަދާލަތު ޕާޓީގެ މެމްބަރަކު ހިމެނޭ އެ ކައުންސިލްގައި ވޯޓުލުން މީގެ ކުރިން ކުރިއަށް ދިޔައީ އެމްޑީޕީ އާއި ޕީޕީއެމްގެ މެމްބަރުން ރައީސް ކަމަށް ކުރިމަތިލައިގެންނެވެ. އެކަމަކު އަދާލަތު ޕާޓީގެ މެމްބަރު ވަކިކޮޅަކަށް ވޯޓު ނުދޭތީ 15 ފަހަރަށް ވޯޓުލީ އިރުވެސް ރައީސްގެ މަގާމަށް މީހަކު ވަނީ ހޮވޭގޮތް ނުވެފަ އެެވެ.
މުރައިދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ކަލީމް މިއަދު ވީނިއުސްއަށް ވިދާޅުވީ ކައުންސިލްގެ ބައްދަލުވުމެއް އިއްޔެ ބާއްވައި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލި ކަމަށެވެ. އެކަމަކު ރައީސްކަމުގެ މަގާމަށް ކުރިމަތިލީ ކުރިން ވެސް އެ މަގާމަށް ކުރިމަތިލި ތިން މެމްބަރުން ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ތިން މެމްބަރުންގެ އަޣުލަބިއްޔަތުން އެ މަގާމަށް ހޮވިވަޑައިގެންނެވީ އަދާލަތު ޕާޓީގެ މެމްބަރު މުހައްމަދު އާރިފް އަބްދުލްހަކީމް ކަމަށާއި ނައިބު ރައީސްގެ މަގާމަށް ހޮވި ވަޑައިގެންނެވީ ޕީޕީއެމް މެމްބަރު ފަރުހަތު ސަމީރު ކަމަށް އޭނާ ވިދާޅުވި އެވެ.
މުރައިދޫ ކައުންސިލަށް ރައީސަކު ނުހޮވި ދިގުލައިގެންދާނަމަ ކައުންސިލް އުވާލުމަށް ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މީގެ ކުރިން ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ