ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބު ކާމިޔާބް ކުރުމަށް އެމްޑީޕީ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި ޕާޓީތަކުން ޑީއާރުޕީއާ ގުޅުމަށް ތަސްމީން ގޮވާލައްވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި ޕާޓީތަކުން ޑީއާރުޕީއާ ގުޅުމަށް އެޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ގޮވާލައްވައިފި އެވެ.ލ. ފޮނަދޫގައި ރޭ ޑީއާރުޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ވެސް މެމްބަރު ތަސްމީން ވިދާޅުވީ މިއަދުގެ ސަރުކާރުގެ ކަންތައްތައް ހުރި ގޮތުން ދިވެހި ރައްޔިތުންނަށާއި ދިވެހި ގައުމަށް ހިތާމަވެރި ގޮތްތަކެއް މެދުވެރިވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އަލްހާ އީދު ފާހަގަކުރަމުން އަންނަ މިފަދަ އުފާވެރި ވަގުތެއްގައި އެ ވާހަކަތައް ދައްކަވަން ބޭނުންފުޅު ނުވި ނަމަވެސް މިއަދު ގައުމު އޮތީ އެއަށް ވުރެ މާ ނާޒުކު ފައްތަރެއްގައި ކަމުން އެ ވާހަކަތައް ދައްކަވަން ޖެހޭ ކަމަށެވެ."ދިވެހި ރައްޔިތުންނަށް މިއަދު ކުރިމަތިވަމުންދާ ދަތިތަކާއި ގައުމެއްގެ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގައުމު މިއަދު ވެއްޓިފައިވާ ފުން ވަޅުގަނޑުން ސަލާމާތްކުރުމަށްޓަކައި މިއަދު މިވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައި. ކޮންމެ ދިމާލަކަށް ބަލައިލި ކަމުގައިވީ ނަމަވެސް ފެންނަމުން މިދަނީ ވަރަށް ބޮޑެތި ދަތިތަކާ ރައްޔިތުން ކުރިމަތިލާން ޖެހޭތަން. އަދި މިއަދުގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޭއިންސާފުން ވަރަށް އަނިޔާވެރި ގޮތްގޮތަށް ކަންތައްތައް މެދުވެރިވާތަން،" ތަސްމީން ވިދާޅުވި އެވެ.ޤާނޫނާއި ގަވާއިދުގެ އިމުން ބޭރުން މިއަދުގެ ސަރުކާރުން ވަރަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް އިންސާފުވެރިކަމާ އެކު ހިދުމަތްތައް ލިބެމުން ނުދާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި ސަރުކާރުގެ ކަންތައްތައް މިހާރު ހުރި ގޮތުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެތައް ކަމެއް ހިނގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ތަސްމީން ވިދާޅުވީ މިއީ އަޅުގަނޑުމެން ބަލައިގެންފައިވާ ނިޒާމް ތަންދޭ ކަމެއް ނޫން ކަމަށާއި މިއީ އަޅުގަނޑުމެން ގަބޫލް ކުރާ އުސޫލުތަކެއް ވެސް ނޫން ކަމަށެވެ. އަދި މިކަންތައްތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.މިއަދު ދިވެހި ގައުމަށް ޖެހިފައި މިވާ ހާލަތުން ސަލާމަތްވުމަށްޓަކައި މިވަގުތު ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޙާބް ޑީއާރުޕީން ކާމިޔާބު ކުރުން ކަމުގައި ތަސްމީން ވިދާޅުވި އެވެ. އަދި އެކަންތައް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި އެ ޕާޓީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."ކުރިމަތީގައި މިއަދު އޮތް އެންމެ މުހިންމު ކަމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބް ކާމިޔާބު ކުރުން ކަމުގައިވާ އިރު ޕާޓީގެ އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން އެބަ ޖެހޭ. ޑީއާރުޕީން ނުކުންނަ ކެނޑިޑޭޓަކަށް އެ އިންތިހާބް ކާމިޔާބް ކޮށްދިނުމަށް ޕާޓީގެ އެންމެހާ މެންބަރުންގެ ހިތުގައި އަބަދުމެ އޮންނަން ޖެހޭ،" ތަސްމީން ވިދާޅުވި އެވެ.ޑީއާރުޕީގެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީސްގައި ނާކާމިޔާބުވާ ކެންޑިޑޭޓުންގެ އެންމެ ބޮޑު ޒިންމާއަކަށް ވާންޖެހޭނީ އެ އިންތިހާބް ޑިމޮކްރެޓިކް އުސޫލުތަކުގެ މަތިން ކާމިޔާބު ކުރި ކެންޑިޑޭޓުންގެ ފަހަތުގައި ތިބެގެން ލޯކަލް އިންތިހާބު ޑީއާރުޕީއަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ވެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.ތަސްމީން ވިދާޅުވީ މިއަދުގެ ސަރުކާރަކީ އެއްވެސް ގޮތަކުން ރައްޔިތުން ތަމްސީލް ކުރާ އަދި ދިވެހި ރައްޔިތުންގެ ތާއީދު އޮތް ސަރުކާރެއް ނޫން ކަމަށެވެ."މިސަރުކާރު، އެމްޑީޕީ ވެރިކަމަށް އައީވެސް ވަރަށް ގިނަ ފާރްތަކެއްގެ އެއްބާރުލުމާއެކީގައި. މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ލިބިގެންދިޔައީ އެންމެ 25 ޕަސެންޓް. ވަރަށް ގިނަ ފަރާތްތަކުން އިންތިހާބްގެ ދެވަނަ ބުރުގައި މި ސަރުކާރަށް ތާއީދުކުރުމުގެ ސަބަބުން އެމްޑީޕީއަށް ވެރިކަން ލިބުނީ. އެހެން ނަމަވެސް އެ ވެރިކަން ލިބުނުތާ މާގިނަ ދުވަހެއް ނުވެ އޭރު އެމްޑީޕީއަށް ތާއީދު ކުރެއްވި ގާތްގަނޑަކަށް ހުރިހާ ފާރާތެއް މިހާރު ވަނީ އެ އިއްތިހާދުން ވަކިވެގެން ގޮސްފައި،" ތަސްމީން ވިދާޅުވި އެވެ.އެހެން ކަމުން މިއަދު މިއޮތް ސަރުކާރަކީ ވަރަށް ބޮޑަށް ރޫޅިގެން ގޮސްފައިވާ ސަރުކާރެއް ކަމަށާއި ރައްޔިތުން މިހާރު ވެއްޓިފައި މިވާ ވަޅުގަނޑުން ސަލާމަތްކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންނަން އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ސަރުކާރު ބަލިކުރެވޭނެ ހަމައެކަނި ޕާޓީއަކީ ޑީއާރުޕީ ކަމަށް ތަސްމީން ވިދާޅުވި އެވެ. އަދި އެކަންތައް ކުރުމަށްޓަކައި އެޕާޓީން ކުރަމުން އަންނަ މަސައްކަތްތަކުގައި ބައިވެރިވުމަށް، މީގެކުރިން އެމްޑީޕީ ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި ޕާޓީތަކަށް ތަސްމީން ވަނީ ގޮވާލައްވައިފަ އެވެ.ރޭ ފޮނަދޫގައި ބޭއްވި އެ ޖަލްސާގައި ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް އައިސްފައިވާ ކުރިއެރުމާއި ތަރައްޤީ ފާހަގަކުރައްވާ އެކުރިއެރުމާއި ތަރައްޤީ ގެނެސްދެއްވި ކަމަށްޓަކައި އެ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމަށް ތަސްމީން ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ