އެއްހާސް ފަހަރު ބުންޏަސް ދޮގެއް ވާނީ ދޮގަކަށް: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކަކީ ދޮގެއް ކަމަށް ދޭހަވާ ގޮތަށް ރައީސް މައުމޫން މިއަދު ޓްވީޓެއް ކުރައްވައިފި އެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި އެމަނިކުފާނާ ގުޅޭގޮތުން ރައީސް ނަޝީދު މީޑިއާތަކަށް ދެއްވާފައިވާ އިންޓަވިއުތަކުގައި ދައްކަވާފައިވާ ވާހަކަތައް ފާޅުގައި ދޮގުކުރައްވާފައެއް ނުވެ އެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވީ އެއް ފަހަރު ބުންޏަސް ތެދެއް ވާނީ ތެދަކަށް ކަމަށެވެ. އަދި އެއްހާސް ފަހަރު ބުންޏަސް ދޮގެއް ވާނީ ދޮގަކަށް ކަމަށެވެ.
ރައީސް މައުމޫން ތަފާތު ޓްވީޓެއް ކުރައްވާފައި މިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކޮށްލުމަށް ރައީސް މައުމޫނާ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ކުރީގެ ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައި ވަނިކޮށެވެ. ރައީސް މައުމޫން ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު ކަމަށްވެސް ދާދި ފަހުންވެސް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދު މިގޮތަށް ރައީސް މައުމޫނާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކައް ރައީސް މައުމޫން މިހާތަނަށްވެސް ދޮގުކުރައްވާ އަދި އެ ވާހަކަތައް ކުށްވެރިކުރައްވާފައެއް ނުވެ އެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރު "ވައްޓާލާނެ" ކަމަށް ބުނެ ބައެއް ބޭފުޅުން ވާހަކަދައްކަވަމުން ގެންދަވަނިކޮށް ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ވަނީ ހުރިހާ ދިވެހި ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކާއި، ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުން ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް މައުމޫން މިއަދު ތަފާތު ޓްވީޓެއް ކުރައްވާފައިވާއިރު ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އާދަމް މިއަދު ވީނިއުސްއަށް ވިދާޅުވީ ރައީސް މައުމޫނާ ގުޅޭގޮތުން ރައީސް ނަޝީދު ދައްކަވަމުން ގެންދަވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި ފިތުނަ އުފެދޭގޮތަށް އެފަދަ ވާހަކަތައް ނުދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަލީމް ވިދާޅުވީ ރައީސް ނަޝީދު މަސައްކަތް ކުރައްވަމުންގެންދަވަނީ ޕީޕީއެމްގެ އާންމު މެމްބަރުންނާއި އާންމު ރައްޔިތުންނަށް ގޯސް މެސެޖުތަކެއް ދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ ރައީސް މައުމޫނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައިގެން އެއްވެސް ހަގީގަތެއް ނެތް ދޮގުވާހަކަތައް ދެއްކުން ވަގުތުން ހުއްޓާލުމަށްވެސް އިލްތިމާސް ކުރައްވާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އާ ގުޅިވަޑައިގަތުމުގެ މަޝްވަރާތަކެއް އެއްވެސް އިރެއްގައި ރައީސް މައުމޫން ކުރައްވާފައިނުވާނެ ކަމަށާއި ދުވަހަކު ވެސް އެފަދަ މަޝްވަރާއެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށްވެސް އަލީމް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ