ރާއްޖޭގެ ޑިމޮކްރެސީ ފުނޑުފުނޑުވެދާނެ ކަމުގެ ބިރު ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށް ބުނެ އެމެރިކާ އިން ރާއްޖެއަށް ފާޑުކިޔައިފި އެވެ.
ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ ބައިބައި ވެފައިވަނިކޮށް ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރުމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެން އެމެރިކާ އިން ބުނެފައިވަނީ އެ ހުކުމަކީ އިދިކޮޅު ސިޔާސީ ފަރާތްތަކާ ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އެމެރިކާ އަކީ ރާއްޖޭގައި ހިނގާ ވަރަށް ބޮޑެތި ކަންކަމުގައި ނޫނީ އާންމު ގޮތެއްގައި ބަސް ބުނާ ގައުމެއް ނޫނެވެ.
މި ހުކުމާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ނިޝާ ބިސްވާލް އާއި އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ވެސް ވަނީ ނުސީދާކޮށް ފާޑު ވިދާޅުވެފަ އެވެ.
ނިޝާ ބިސްވާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިވިލް ކޯޓުގެ ހުކުމަކީ އިދިކޮޅު ސިޔާސީ ފަރާތްތަކާ ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެގެ ޑިމޮކްރަސީ ފުނޑުފުނޑުވެދާނެ ކަމުގެ ބިރު ކުރިއަށް ވުރެ ބޮޑުވެފައިވާތީ އެމެރިކާ އިން ކަންބޮޑުވާ ކަމަށެވެ. ބިސްވާލް ވަނީ 2014 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ވެސް ކުރައްވާފަ އެވެ.
އަތުލް ކެޝަޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންސާނީ ހައްގުތައް ރައްކާތެރި ކޮށްދިނުމާއި ޝަރުއީ ނިޒާމުގެ މިނިވަންކަން ކަށަވަރު ކުރުމަށް ރާއްޖޭގެ ގިނަ ބަޔަކު އުއްމީދު ކުރާއިރު އޭނާ ވެސް އެކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ގިނަ ޕާޓީތަކަށް ހަރަކާތްތެރިވެވޭ ވަރުގަދަ ޑިމޮކްރެޓިކް ނިޒާމެއް ރާއްޖޭގައި ގާއިމުވެފައި އޮތުމާ އެކު ގިނަ ބައެއްގެ އުއްމީދު މިކަންކަމުގައި އޭނާއާ ހިއްސާ ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ ޕީޕީއެމް ވަނީ ދެ ބަޔަކަށް ބެހިފަ އެވެ. އެއީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން ހެއްދެވި ޔާމީން ފެކްޝަނާއި ޕީޕީއެމްގެ ރައީސް މައުމޫނަށް ތާއީދު ކުރައްވާ އެ ޕާޓީގެ މެމްބަރުން އުފެއްދި މައުމޫން ފެކްޝަނެވެ.
ޕާޓީގެ ލީޑަޝިޕްގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި ގުޅިގެން ރައީސް ޔާމީންގެ ފެކްޝަންގެ ދެ ބޭފުޅުން ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ސިވިލް ކޯޓުން އިއްޔެ ވަނީ ޕާޓީގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ހުކުމްކޮށް 24 ގަޑިއިރު ތެރޭގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް އަންގާފަ އެވެ. ކޯޓު އަމުރާ އެއްގޮތަށް ރައީސް ޔާމީންގެ ރިޔާސަތުގެ ދަށުން ރޭ ވަނީ ކައުންސިލް ބައްދަލުވުމެއް ބާއްވާ ބައެއް މުހިއްމު ނިންމުންތައް ނިންމާފަ އެވެ.
ސިވިލް ކޯޓުން ޕީޕީއެމްގެ މައްޗަށް ކުރި ހުކުމާ ގުޅިގެން އެމެރިކާ ކަންބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ