ލޯކަލް ކައުންސިލް އިންތިހާބު ދެމަސް ދުވަހަށް ފަސްކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންތިހާބު ފަސްކުރުމަށް ރައީސް ޔާމީންގެ ފެކްޝަނުން ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން ރައީސް މައުމޫންގެ ފެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް "މި ޕާޓީގެ ބައެއް ފަރާތްތަކުން" ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ހަމައެކަނި ޕާޓީގެ އަމިއްލަ މަސްލަހަތު ދިފާއު ކުރުމަށްޓަކައި އެހެން ހުރިހާ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންގެ މަސްލަހަތު ގެއްލޭ ގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި އެކަމާ ޕީޕީއެމްގެ މެންބަރުން އިންތިހާއަށް ކަންބޮޑުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ކައުންސިލްގެ އުމުރަކީ ކައުންސިލް އިންތިހާބުވާ ތާރީހުން ފެށިގެން ތިން އަހަރު ދުވަސް ކަމަށެވެ. އަދި އެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން އާ ކައުންސިލް އިންތިހާބު ކުރަންވާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން މިހާރު ހިނގަމުން މިދާ ކައުންސިލްތައް އިންތިހާބުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އަދި އާ ކައުންސިލް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ކުރިން އިންތިހާބު ކުރަންޖެހޭނެ ކަަމަށްވެސް ލާމަރުކަޒީ ގާނޫނާ ހަވާލާދީ މިބަޔާނުގައި ބުނެފައިވެ އެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތައް ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގޮސް ރައްޔިތުންނަށް ފޯރުކޯށްދޭންޖެހޭ އަސާސީ ހިދުމަތްތަކުން މަހުރޫމްވެގެންދާނެ ކަމެއް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.
ކައުންސިލް އިންތިހާބު ފަސްކުރަން މައުމޫން ފެކްޝަނުން ދެކޮޅު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ