މާޅޮސް އާދަޔާ ޚިލާފަށް ގިރަމުންދާތީ ރައްޔިތުން އެލާޓްގައި !

ގެސްޓްހައުސް ޓޫރިޒަމަށް ފައްކާވެފައިވާ ރީތި ބީޗެއް ވެސް  އޮތް ބ.މާޅޮސް އާދަޔާ ޚިލާފަށް މިދުވަސް ވަރު ގިރަމުން ދާތީ ރައްޔިތުން އެލާޓަށް އަތުވެއްޖެއެވެ.
މާޅޮހު ކައުންސިލުގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ، ރަށް ގިރުން ހުއްޓުވުމަށް ރަށުގެ ކައުންސިލާއި ރައްޔިތުން ނުކުމެ މަސައްކަތް ކުރަމުންދާ ކަމަށާ އެގޮތުން މިއަދު ރައްޔިތުން ނުކުމެ ގޮނޑުދޮށުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތްކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ރައްޔިތުން ނުކުމެ ކަހައި އެއްކުރަމުން ދަނީ އުތުރު ފަރާތަށް ވަޔާ އެކު އަރާފައި ހުރި ވެއްޔެވެ. އެ ވެލި ބަސްތާތަކަށް އަޅައިގެން ގޮސް ގޮނޑުދޮށުގައި ޖަހަނީއެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަ ހައެއްކަ އަހަރު ރަށް ގިރުމުގެ މައްސަލަ މާޅޮހަކަށް މެދުވެރި ނުވިޔަސް މިއަހަރު މިހާރު ވިއްސަކަށް ފޫޓު ގިރައިގެން ހިނގައްޖެކަމަށް ވިދާޅުވި އެވެ.
”އުތުރުފަރާާތު ގޮނޑުދޮށާ އެންމެ ކައިރީގައި ހުރި ގެއާއި މޫދާ ދެމެދު އޮތީ 20 އަކަށް ފޫޓު. އަދި ގޮނޑުދޮށުގައި ހުރި ބައެއް ރުއްތައް ވެސްވަނީ ވެއްޓިފަ.” ޝުޖާއު ވިދާޅުވި އެވެ.
މާޅޮހު ރައްޔިތަކު ބުނީ އެންމެ ބޮޑަށް ގިރަމުން އަންނަނީ ގެސްޓްހައުސްތައް ހުރި ހިސާބުގަނޑުކަމަށެވެ. ގިނަ ފިހާރަތަކެއްވެސް ހުންނަ މި ސަރަހައްދު ގިރަމުން އަންނާތީ ސަރަހައްދު ހިމާޔަތްކުރުމަށް ރައްޔިތުން  ނުކުމެ ގިރާ ސަރަޙައްދުގައި ވެލިބަސްތާ ޖައްސަމުންދާ އިރު، މިވަގުތު އެރަށުގައި ތިބި ބައެއް ފަތުރުވެރިންވެސް އެކަމުގައި ހަރަކާތްތެރިވަމުން އަންނަކަމަށް އޭނާ ބުންޏެވެ.
“ދުވަސްކޮޅެއް ވެއްޖެ ގިރަމުން އަންނަތާ. އެކަމަކު މިހާރު މިވަނީ ވަރަށް ނާޒުކު ފައްތަރަކާހިސާބުގަ. އެސަރަހައްދުގައި ހުރި ގަސްތައް ވެއްޓޭ ހިސާބަށް ހިނގައްޖެ. ގެސްޓްހައުސްތަކާއި ގިރާފައިވާ ތަނާ ދެމެދު މިހާރު ހުންނާނީ ގާތްގަޑަކަށް 10 ވަރަކަށް ފޫޓު” އޭނާ ބުންޏެވެ.
ރަށް ގިރަން ފެށުމުން އެންވަޔަރަންމެންޓް މިނިސްޓްރީ އާއި ރައީސް އޮފީހާއި ޕްލޭނިން މިނިސްޓްރީއަށް މައުލޫމާތު ހިއްސާކުރި ކަމަށް ކައުންސިލް ރައީސް ޝުޖާއުވަނީ ހިއްސާ ކޮށްފައިކަމަށާ ދިރާސާއެއް ކޮށްގެން ވިޔަސް ރަށް ގިރާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ބަޖެޓު ކުރަން ޕްލޭނިން މިނިސްޓްރީގައިވެސް އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިހާތަނަށް ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ