ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ކޭބަލް ހަލާކުވެ، ނައިފަރުން ކަރަންޓު ކެނޑިއްޖެ

ޅ. ނައިފަރުގައި ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ކޭބަލް ހަލާކުވެ، އެ ރަށުން ކަރަންޓު ކެނޑިއްޖެއެވެ.
މިއަދު 11:30 ހާއިރު ނައިފަރުން ކަރަންޓު ކެނޑުމަށްފަހު، އެ ރަށަށް ކަރަންޓުގެ ހިދުމަތް ލިބިފައެއް ނުވެއެވެ. އެ ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް "ވަން އޮންލައިން"އަށް ވިދާޅުވީ ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ކޭބަލް ހަލާކުވެފައިވަނީ ފެނާއި ނަރުދަމާ އެޅުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިންޑިއާ ކުންފުނިން އެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
"ފެނަކައިން އަންގާފައިވަނީ މިރޭ 9:00އާއި 12:00އާ ދޭތެރޭގެ ވަގުތެއްގައި ކަރަންޓު ލިބޭނެ ކަމަށް،" ކާރިމް ވިދާޅުވިއެވެ.
ކާރިމް ވިދާޅުވީ މީގެ ކުރިން މިދިޔަ އަހަރުގެ ކުރީކޮޅު އެފަދަ ކަމެއް ދިމާވެގެން ކަރަންޓުގެ ހިދުމަތް ކެނޑުނު ކަމަށާއި އެކަންކަން ދިމާވަނީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކޭބަލްތައް އަޅާފައިވާ ގޮތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ