ކޮއްކޮއަށް ބޭބެ މިވަގުތު ދޭނެ ނަސޭހަތެއް ނެތް، ރައީސަށްދޭ ނަސޭހަތަކީ ރީތިގޮތުގައި ގެޔަށް ވަޑައިގަންނަވާށޭ- މައުމޫން

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުގެ ނަތީޖާއާއި ގުޅޭގޮތުން ބޭބޭފުޅެއްގެ ޙައިސިއްޔަތުން ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނަށް ދެއްވަން އޮތް ވަކި ނަސޭހަތެއް ނެތް ކަމަށާއި ނަމަވެސް ދިވެހި ރައްޔިތެއްގެ ޙައިސިއްޔަތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގަތްޔޫމަށް މިވަގުތު ދެއްވަން ބޭނުންފުޅުވާ ނަސޭހަތަކީ ވޯޓުގައި ރައްޔިތުން ނިންމި ނިންމުން ގަބޫލުފުޅު ކުރައްވައި “ރީތިގޮތުގައި ގެޔަށް ވަޑައިގަންނަވާށޭ” ކަމަށް ރައީސް ޔާމީންގެ ބޮޑުބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް މައުމޫން ވިދާޅުވީ އިންތިޚާބެއްގައި ބަލި ވުމަކީ ލަދު ގަންނަންޖެހޭވަރު ކަމެއް ނޫން ކަމަށާއި ދެމީހަކު ވާދަކުރާ އިންތިޚާބެއްގައި އެކަކު މޮޅުވެ އަނެއްކަކު ބަލިވާނެ ކަމަށް ގަބޫލު ކުރަންވެސް ޖެހޭނެ ކަމަށެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އޭރުގެ އިދިކޮޅު ކޯލިޝަނުން ތާއީދު ކޮށްގެން އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް ނަޝީދު އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު މައުމޫން އަރިހުގައި އޭރު ތިއްބެވި ބަޔެއް އިސްބޭފުޅުން އެ ނަތީޖާ ގަބޫލު ނުކުރެއްވުމަށް ލަފާ އެރުވިނަމަވެސް އަމިއްލަފުޅަށް ނިންމެވީ ނަތީޖާ ގަބޫލުކޮށް ބަލި ގަބޫލު ކުރައްވަން ކަމަށް ވިދާޅުވިއެވެ.
އެގޮތުން އެރޭ ދަންވަރު ރައީސް ނަޝީދަށް ފޯނުން ގުޅުއްވައި ތަހުނިޔާ ދަންނަވައި ޖެހިގެން އައިދުވަހު ރައީސް އޮފީހުގައި ދެބޭފުޅުން އެކުގައި މީޑިޔާ ކުރިމަތީގައި ބައްދަލު ކުރައްވައި ވަރަށް ރީތި މަންޒަރެއް ދެއްކެވި ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި ވެރިކަން ބަދަލު ކުރުމުގެ ކަންކަންވެސް ގެންގޮސްފައި ވާނީ ވަރަށް ރީތިކޮށް ކަމަށް ވިދާޅުވިއެވެ.
“ކޮންމެހެން އަޅުގަނޑު މާމޮޅު ކަމެއް ކުރި ވާހަކައެއްނޫން މިދެންނެވީ، އެއީ ގާނޫނުގައި އެކަން ކުރަން އޮތްގޮތް” މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި ވޯޓު ލައިނިމި، ވޯޓު ގުނައި ނިމި، ވަގުތީ ނަތީޖާވެސް އިއްވައި އަދި ދާއިމީ ނަތީޖާވެސް އިއްވައި، އަދި ރައީސް ޔާމީން ބަލި ގަބޫލު ކުރައްވާފައި ވަނިކޮށް، ދެން މިހިސާބަށް ގޮސްފައި އޮއްވާ އިންތިޚާބު ބާތިލު ކުރުމަކީ ދެން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިންތިޚާބު ބާތިލު ކުރަން ރާއްޖޭގެ އެއްވެސް ކޯޓަކުން ނިންމާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ