ނަޝީދު ވާހަކަ ދައްކަވަނީ ހޭބުއްދީގައި ހުރެގެންތޯ ގާސިމް ސުވާލު ކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ ހޭބުއްދީގައި ހުރެގެންތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ސުވާލު ކުރައްވައިފިއެވެ.
ގާސިމް މިސުވާލު ކުރައްވާފައި ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ހިތަދޫ އުތުރު ދާއިރާއަށް އެތައް ކެންޑިޑޭޓުންނެއް ވާދަކުރައްވާފައި ވަނިކޮށް މިހާރުގެ މެންބަރު މުހައްމަދު އަސްލަމަށް ވޯޓް ދެއްވުމަށް ނަޝީދު މެންބަރުންގެ ކިބައިން އެދިވަޑައިގަތުމުންނާއި ޒިނޭ ކުރުމަށް ހިތްވަރު ދެއްވާ ނަޝީދު ވާހަކަފުޅު ދެއްކެވުމުންނެވެ.
ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމްގެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ނަޝީދުގެ ނަން ވިދާޅުނުވެ ގާސިމް ވަނީ ނަޝީދު ހުންނެވީ ހަމަބުއްދީގައިތޯ ސުވާލު ކުރައްވާފައެވެ. "އެތައް ކެންޑިޑޭޓުންނެއް ކުރިމަތި ލައްވާފައި ވަނިކޮށް ކޮންމެވެސް ބޭފުޅަކު ވިދާޅުވެއްޖެ ވަކި ކެންޑިޑޭޓަކަށް ވޯޓް ދެއްވާށޭ. އެއީ ހަމަ ބުއްދީގައި ހުރެގެން ދައްކަވާ ވާހަކަތޯ" ގާސިމް ވިދާޅުވިއެވެ.
ކާނަލް ނާޒިމަކީ ޝަހްސިއްޔަތު ވަރުގަދަ ބޭފުޅެއް ކަމަށާއި ނަމަވެސް ދަނގެތީ ދާއިރާ އަށް ނާޒިމް ނެރެން ތާއިދު ކުރެއްވޭނީ ޖޭޕީގެ ކައުންސިލުން ގޮތެއް ނިންމުމުން ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ދަނގެތީ ދާއިރާ އަށް ޖޭޕީ އިން ނާޒިމަށް ޓިކެޓް ނުދެނީސް ނާޒިމަށް އޭނާ ތާއިދު ކުރެއްވުމަކީ ވަރަށް ހުދުމުހުތާރު ކަމެއް ކަމަށެވެ.
"އަޅުގަނޑަށް ވަކި ގޮތަކަށް އެއްޗެއް ދެންނެވޭނީ ކައުންސިލުން ގޮތެއް ނިންމުން. ކައުންސިލްގެ ބައްދަލުވުމަށް ފަހު. ޖޭޕީގެ ޓިކެޓް ހޯދަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިއޮތީ މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައި. މެންބަރުން ޝައުގުވެރިކަން ފާޅުކުރުމުން ކައުންސިލުން ނިންމާނީ ޓިކެޓް ދޭނީ ކައުންސިލުންތޯ. ޕްރައިމަރީ އިންތޯ." ގާސިމް ވިދާޅުވިއެވެ.
ޒިނޭ ކުރުމަށް ހިތްވަރު ދެއްވާ ނަޝީދު ދެއްކެވި ވާހަކަފުޅަށް އިޝާރަތް ކުރައްވާ ގާސިމް މިރޭ ވިދާޅުވީ އަންހެނުން ބާލިޣުވުމުން ބާތު ކޮންޓްރޯލް ކުރަންވީ ކަމަށް އޭނާ ވިދާޅުނުވާނެ ކަމަށާއި އެއީ ދެކެވިގެން ވާނެ ވާހަކަތަކެއް ނޫން ކަމަށެވެ.
ފަހަކަށް އައިސް ގާސިމް ގެންދަވަނީ ނަޝީދަށް ރައްދުކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އެމްޑީޕީ އެކްޓިވިސްޓުން ތުހުމަތު ކުރާ ގޮތުގައި ގާސިމް މިހާރު އުޅުވަނީ ކުރީގެ ރައީސް ޔާމީނާއި އެކު ސިޔާސީ "ޑީލެއް" ހައްދަވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ