ލާދީނީ ފިކުރާއި އެހެން ދީންތަކުގެ ފިކުރުތަކުން ޤައުމު ރައްކާތެރި ކުރުމަކީ ވާޖިބެއް - މައުމޫން

ރާއްޖޭގައި ލާދީނީ ފިކުރާއި އެހެން ދީންތަކަށް ރާއްޖޭގެ ބިމުން ޖާގަ ދިނުމުގެ ފިކުރުގެ އޮއިވަރެއް ރާއްޖޭގައ ިމިވަގުތު އެބަ އުޅޭ ކަމަށާއި، މިކަންކަމުން ޤައުމު ރައްކާތެރިކުރުމަކީ ޕީޕީއެމްގެ ވާޖިބެއް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ ދަށުން، އެ ޕާޓީގެ އުފެދިފައިވާ އެކިއެކި ގޮފިތައް ހިންގުމަށް ހަވާލުކުރަންޖެހޭ ފައިސާ ހަވާލުކުރުމަށް މިރޭ ކުލުނުވެހީގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސް މައުމޫން ވިދާޅުވީ، މިފަދަ އޮއިވަރުތަކަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް ދައުރުކުރަމުން އަންނަ އޮއިވަރެއް ކަމަށާއި، މިކަންކަމުން ރާއްޖެ ވަކި އިސްތިސްނާއެއް ނުވާނެ ކަމަށެވެ.
"ރާއްޖޭގައި ލާދީނީ ފިކުރުގެ އޮއިވަރު، އަދި އހެން ދީންތަކަށް ރާއްޖެއިން ޖާގަ ދިނުމުގެ ފިކުރު ވެސް އެބަ އުޅޭ. އަދި އަޅުގަނޑުމެންގެ ދީނާއި ސަގާފަތާ ނުގުޅޭ ކަންކަން ރާއްޖޭގައި ފެތުރުމަށް ބަޔަކު މަސައްކަތް ކުރަމުން އެބަދޭ. މި ހުރިހާ ކަމެއް ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް ހިނގަމުން އެބަދޭ. އެހެންވީމަ ރާޢްޖެ ވަކި އިސްތިސްނާއެއް ނުވާނެ. އެހެން ތަންތަނުގައި ހިނގާ ހަރަކާތްތައް ރާއްޖޭގައި ވެސް ހިނގަމުން ދާނެ." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، މިކަންކަމުން ޤައުމު ރައްކާތެރިކުރުމަށްޓަކައި އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ރާއްޖޭގައި ދަމަހައްޓައި، އެކަންތަކާ ތަޢާރަޒުވާ އެއްވެސް ހަމައަކަށް ރާއްޖެއިން ތަން ދެވިގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވާޖިބަކަށް ވާން ޖެހޭނީ ޤައުމު ރައްކާތެރިކުރުން. މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ރާއްޖޭގައި ދެމެހެއްޓުން.އެއާ ތަޢާރުޒުވާ، ޚިލާފުވާ އެއްވެސް އުސޫލަކަށް ރާއްޖޭގައި ތަން ނުދިނުން. އަދި ދީނާ ޚިލާފުވާ ގޮތްގޮތަށް ކަންތައް ބައްޓަން ވެގެން ނުދިޔުން." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީ ބޭނުންވާ ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ތަރައްޤީ ހާސިލުކޮށްދޭނެ ގޮތް، ޕީޕީއެމްގެ މެނިފެސްޓޯގައި ލިޔެވިފައި ވާނެ ކަމަށެވެ.
"އެ މަސައްކަތް ކުރާ ގޮތް އެއޮތީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި. އަޅުގަނޑުމެންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުވެފައި އެވަނީ، އެ މެނިފެސްޓޯގައި ހުރި ކަންތައް ދިވެހި ރައްޔިތުން ޤަބޫލު ކުރެއްވީތީ. އެ މެނިފެސްޓޯގައި ވާ ކަންތައްތައް ރައްޔިތުންނާ ހަމައަށް ފޯރުވައިދިނުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ، މިކަންކަން ރަނގަޅަށް ކުރުމަށްޓަކައި މިއަދު ޕީޕީއެމްއާއި އެ ޕަޓީގެ ސިޔާސަތުތައް އިތުރަށް ހަރުދަނާ ކުރަން އެބަ ޖެހޭ ކަމަށެވެ.
މިރޭ ޕީޕީއެމްގެ ގޮފިތަކަށް ފައިސާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ފައިސާ ހަވާލު ކޮށްފައި ވަނީ މާލޭގެ 15 ގޮތްޕަކަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި މާލެއާއި އަތޮޅުތެރޭގެ އެހެނިހެން ގޮފިތަކަށް ވެސް ފައިސާ ހަވާލުކުރެވޭނެ ކަމަށް ޕީޕީއެމްއިން މަޢުލޫމާތު ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ