ފުރަތަމަ ސްމާޓް ސްކޫލް ކުޑަފަރީ ސްކޫލްގައި ރައީސް އިފްތިތާހުކޮށްދެއްވައިފި

ރާއްޖޭގެ ރަށްރަށުގެ ސްކޫލްތަކުގައި ދެވޭ ތައުލީމީ ފެންވަރު ރަނގަޅުކުރުމަށް، އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުން ތައާރަފް ކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްގެ ދަށުން، ތައާރަފް ކުރުމަށް ހަމަޖައްސަވާފައިވާ ސްމާޓް ސްކޫލްގެ ޕްރޮގްރާމްގެ ދަށުން ޤާއިމް ކުރެވޭ ފުރަތަމަ ސްމާޓް ސްކޫލްގެ ކުޑަފަރީ ސްކޫލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭ އިފްތިތާހުކޮށްދެއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އެ ސްކޫލް އިފްތިތާހުކޮށްދެއްވީ އެމަނިކުފާނުގެ ޝަރަފުގައި ރޭ އެ ރަށުގައި ބޭއްވެވި ފަރިއްކޮޅުގެ ތެރޭގައި ކަމަށެވެ.
ސްމާޓް ސްކޫލް ގާއިމް ކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްގެ ދަށުން މި އަހަރު ހަތަރު ސްކޫލެއްގައި ތަޖުރިބާ ކުރުމުގެ ގޮތުން އެ ނިޒާމް ޤާއިމް ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސްމާޓް ސްކޫލަކީ، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އާއި، މަލްޓި މީޑިއާގެ ވަސީލަތްތައް، ސްކޫލްގެ ކްލާސްރޫމްތަކުގެ ގާއިމްކޮށް، ތަފާތު ފެންވަރުގެ ކުދިންނަށް އެ ކުދިންގެ ފެންވަރާ ގުޅޭގޮތުން ކިޔެވުމުގެ އިތުރު ފަހިކަން ހޯއްދައިދީ، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް މަގުފަހިކޮށްދޭ ސްކޫލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ