ކޮވިޑް ޖެހިގެން މަރުވީ އައިޖީއެމްއެޗުން ޕޮޒިޓިވްވި ލޭގެ ކެންސަރަށް ފަރުވާ ހޯދާ މީހެއް

ކޮވިޑް-19 ޖެހިގެން ރާއްޖޭން މިއަދު މަރުވި މީހާ އަކީ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ހިމެނޭ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ މީހެއްކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އައިޖީއެމްއެޗްގައި ކޮވިޑް-19 ފެތުރުނުކަން އެނގުނީ ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސްފައި ވަނިކޮށް އެ ހޮސްޕިޓަލްގެ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުން ދިޔަ އިންޑޮނީޝިއާގެ ފިރިހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އޭނާއާ ކޮންޓެކްޓްވި މީހުން ޓެސްޓްކުރުމުންނެވެ. އުމުރުން 39 އަހަރުގެ އެ މީހާ އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހު ކުރީކޮޅު، ކެންސަރު ބަލީގައި ދެވަނަ ސާޖަރީއެއް ހަދަން އެ މީހާ ޓެސްޓްކުރުމުންނެވެ. އެކަމަކު ޓެސްޓުގެ ނަތީޖާ ލިބުނީ އެ މީހާ މަރުވި ފަހުންނެވެ.
މިއަދު މަރުވި 42 އަހަރުގެ ފިރިހެނަކީ އެނގިފައިވާ ގޮތުގައި ލޫކީމިއާ ނުވަތަ ލޭގެ ކެންސަރަށް ފަރުވާ ހޯދަން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް މީހެކެވެ. އޭނާ އެޑްމިޓްކޮށްފައި އޮތީ މަރުވި އިންޑޮނީޝިއާ މީހާ ކައިރީގަ އެވެ.
އައިޖިއެމްއެޗްގައި އޮތް އިރު ވެސް ހާލު ބޮޑު މި މީހާ އަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދި މީހެއް ނަމަވެސް ބަލާފައި ވަނީ ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ގޮތުގަ އެވެ.
މި މަރާ އެކު، އައިޖީއެމްއެޗުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ތިނަކަށް އެރީ އެވެ. އަދި މިއީ ރާއްޖޭން މި ބަލީގައި މަރުވި 15 ވަނަ މީހާ އެވެ. އޭނާ މަރުވީ ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދޭން ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މެންދުރު ފަހު 12:25 ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އެޗްޕީއޭގެ ޑޭޝްބޯޑުގައިވާ ގޮތުން އައިޖީއެމްއެޗް ކްލަސްޓާގައި 23 މީހަކު މިހާރު އެބަ ތިއްބެވެ. އައިޖީއެމްއެޗުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނަރުހުންނާއި ޑޮކްޓަރަކާއި ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންނާއި އެ މީހުންނާ ކޮންޓެކްޓުވި އާއިލާގެ މީހުން ވެސް ހިމެނެ އެވެ.
އައިޖީއެމްޗްގައި ކޮވިޑް-19 ފެތުރު ފަހުން މިހާރު އަނެއްކާ ވެސް ވަނީ އިމަޖެންސީ ކޭސްތައް ފިޔަވައި އެހެން ހާލަތްތަކުގައި، ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބުމުން ނޫނީ އެޑްމިޓްކޮށް ފަރުވާ ނުދޭ ގޮތަށް އުސޫލު ބަދަލުކޮށްފަ އެވެ.
ރާއްޖޭން އިއްޔެގެ ނިޔަލަށް 2،831 މީހަކަށް ކޮވިޑް-19 ޖެހިފައި ވާއިރު އޭގެ ތެރެއިން 2،320 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި 15 މީހަކު ވަނީ ބަލި ޖެހިފައި ވަނިކޮށް ރާއްޖޭން ބޭރަށް ގޮސްފަ އެވެ. އެހެންވެ މިހާރު ރާއްޖޭގައި ތިބި އެ ބަލީގެ މީހުންގެ އަދަދަކީ 481 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ