އެންމެފަހުން އަމީތާބު ވެސް ގެއަށް ދޫކޮށްލައިފި! އެކަމަކު އަބީޝޭކް އަދިވެސް ކޮވިޑަށް ފައްސި!

މިދިޔަ މަހު 11 ގައި ކޮވިޑް-19 އަށް ފައްސި ވެގެން އިންޑިއާގެ ނާނާވަތީ ހޮސްޕިޓަލުގައި އެޑްމިޓުކުރި ބޮލީވުޑްގެ މެގާ ސްޓާ އަމީތާބް ބަޗަން ވެސް މިހާރު އެބަލިން ރަނގަޅުވުމުން ގެއަށް ދޫކޮށްލައިފިއެވެ.
އަމީތާބުގެ ދަރި އަދި އެކްޓަރ އަބީޝޭކް ބަޗަން، މިކަން ޓްވިޓާ މެދުވެރިކޮށް އިއުލާނު ކުރަމުން ބުނީ، އޭނަގެ ބައްޕަ މިހާރު ކޮވިޑަށް ނައްސި ކަމަށް ޓެސްޓު ނަތީޖާއިން ދެއްކުމުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
ނަމަވެސް އަބީޝޭކް އަދިވެސް ކޮވިޑަށް ފައްސި ކަމަށާއި އެހެންކަމުން އޭނާ އަންނަނީ އަދިވެސް ފަރުވާ ހޯދަމުން ކަމަށް ވެސް ބުނެފައިވެއެވެ.
އަމީތާބާއި އަބީޝޭކް ކޮވިޑަށް ފައްސި ވެގެން ހޮސްޕިޓަލުގައި އެޑްމިޓުކުރީ ޖުލައި މަހުގެ 11 ވަނަ ދުވަހުގައެވެ.
އަބީޝޭކްގެ އަންހެނުން އަދި މަޝްހޫރު އެކްޓްރެސް އައިޝްވާރްޔާ ރާއީ ބަޗަން އާއި އެމީހުންގެ ދަރިފުޅު އާރަދްޔާ ބަޗަން ވެސް މިބައްޔަށް ފައްސިކަން އޭގެ ޖެހިގެން އައި ދުވަހު އެނގުނެވެ. ހޯމް ކަރަންޓީނުގައި ހުރުމަށްފަހު އެދެމައިންނަށް ވެސް ފަހުން ނާނާވަތީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ނަތީޖާ ނައްސިވުމުން މިދިޔަ ހަފްތާގައި ވަނީ ގެއަށް ދޫކޮށްލާފައެވެ.
ބަޗަން އާއިލާއިން މިހާރު ކޮވިޑަށް އަބީޝޭކް އެކަނި ފައްސި ވެފައިވީ ނަމަވެސް އޭނާ ބުނެފައިވަނީ، އޭނާވެސް އެބަލިން ރަނގަޅު ވެގެން ވަރަށް އަވަހަށް ގެއަށް އެނބުރި ދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ