ޗެމްޕިއަންސް ލީގު: އެތުލެޓިކޯ ބަލިކޮށް ފުރަތަމަ ފަހަރަށް ލިޕްޒިގް ސެމީއަށް

މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް އެޑަމްސް ކާމިޔާބުކޮށްދިން ލަނޑުން މޮޅުވެ، ލިޕްޒިގް ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖަރުމަނުގެ ލިޕްޒިގް ޖާގަ ހޯދީ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ސްޕެއިންގެ އެތުލެޓިކޯގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މިއީ 2009 ވަނަ އަހަރު އުފެދުނު ލިޕްޒިގް މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެއެވެ. މި ނަތީޖާއާއެކު މުބާރާތުގެ ސެމީ ފައިނަލުގައި ލިޕްޒިގް ވާދަކުރަން ޖެހޭނީ އެޓަލަންޓާ ބަލިކޮށް ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއި ދެކޮޅަށެވެ.
މި މެޗުން ބަލިވެ މުބާރާތުން ކެޓި އެތުލެޓިކޯ މެޑްރިޑް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ، މުބާރާތުގެ ދެވަނަ ބުރުގައި ޗެމްޕިއަން ލިވަޕޫލް ބަލިކުރުމަށްފަހުއެވެ. އެތުލެޓިކޯއަށް މި މެޗަށް ނުކުތްއިރު ދިމާވި އެންމެ ބޮޑު މައްސަލައަކީ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުރިޔަށްދާ ޕޯޗުގަލްއަށް އައުމުގެ ކުރިން އެޓީމުގެ ދެ ކުޅުންތެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ލިޕްޒިގް ދަތުރުކުރީ ދެވަނަ ބުރުގައި އިނގިރޭސިވިލާތުގެ ޓޮޓެންހަމް ބަލިކޮށްގެންނެވެ.
ލިިޕްޒިގް އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ފަށައިގެން އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ގޯލާއި އަމާޒުކޮށް ފޮނުވާލީ ލިޕްޒިގުންނެވެ. އެގޮތުން މެޗުގެ ތޭރަ ވަނަ މިނެޓުގައި ލިޕްޒިގުގެ ކަރަސްކޯ ފޮނުވާލި ބޯޅަ އެތުލެޓިކޯގެ ކީޕަރ ވަނީ އަތުން ޖައްސާ ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނު ލިޕްޒިގުން ވަނީ ލަނޑެއް ޖަހަން ވަރަށް މަސައްކަތްކޮށްފައެވެ. ނަމަވެސް މި ހުރިހާ ހަމަލާއެއް އެތުލެޓިކޯގެ ކުޅުންތެރިން ވަނީ ހުއްޓުވާފައެވެ.
މި މެޗުގެ ދެވަނަ ހާފް ފަށައިގެން ފަސް ވަނަ މިނެޓުގައި ލިޕްޒިގުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ޑެނިއަލް އޮލްމޯ އެޓީމަށް ކާމިޔާބުކޮށްދިނީ، މާސެލް ސަބިޓްޒާގެ އެހީތެރިކަމާއެކުއެވެ.
މި ލަނޑަށްފަހު ލިޕްޒިގުން ރަނގަޅަށް ކުޅެމުން ދަނިކޮށް އެތުލެޓިކޯ މެޑްރިޑަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެޓީމުންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ޕެނަލްޓީއަކީ ދެވަނަ ހާފުގައި ކުޅެން އެރި ޒުވާން ފޯވާޑް ޔާއޯ ފެލިކްސްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔާއޯ ފެލިކްސްއެވެ.
އެތުލެޓިކޯއިން ޖެހި ޕެނަލްޓީއާއެކު މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވެގެން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް އެތުލެޓިކޯ ސިއްސުވާލީ މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ޓައިލާ އެޑަމްސް ކާމިޔާބުކުރި ލަނޑާއެކުއެވެ. މެޗުގެ 88 ވަނަ މިނެޓުގައި އެޑަމްސް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ އެތުލެޓިކޯގެ ސްޓެފަން ސަވިކް ފައިގައި ޖެހިފައި ރިފްލެކްޓްވެގެންނެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ