ސުޕްރީމް ކޯޓުގެ ހުކުމަށް ޖަމީލް ތައުރީފް ކުރައްވައިފި

ބީއެމްއެލްގެ ވަޒީފާއިން ވަކިކުރި އިސް މުވައްޒަފަކަށް އަލުން ވަޒީފާދޭން ސުޕްރީމް ކޯޓުން ކުރި ހުކުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ތައުރީފް ކުރައްވައިފި އެވެ.
ބީއެމްއެލްގެ އެމްއެސްއެމްއީ ހެޑް ފާތިމަތު މަލީހާ ޖަމާލް ޖޫން، 2013 ގައި ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާދޭން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ވަނީ ތާއީދުކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މަލީހާ ތަމްސީލު ކުރެއްވީ ޑރ. ޖަމީލެވެ. ޖަމީލާއި މަލީހާ އަކީ އާއިލީ ގޮތުން ތިމާގެ ބޭފުޅުންނެވެ.
އެކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައިވަނީ ހަތް އަހަރު ފަހުން އިންސާފު ލިބިއްޖެ ކަމަށާއި ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ މުވައްޒަފުންގެ ހައްގުތަކާ ގުޅޭ ތާރީޚީ މުހިންމު ނިންމުމެއް ކަމަށެވެ. އަދި އެއީ ވަޒީފާދޭ ބާރުގަދަ ފަރާތްތަކުން ބޭއިންސާފުން ކުރާ ކަންކަމުން މުވައްޒަފުން ރައްކާތެރި ކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ޖަމީލްގެ ޓްވީޓްގައިވެ އެވެ.
7 years 2 months later, justice has finally been served. This is a landmark judgement; a major victory for employee rights in Maldives. It’s a progressive step towards safeguarding fundamental rights and protecting employees from unfair practices of powerful employers. https://t.co/d9y40qAk6s— Mohamed Jameel Ahmed (@MJameelAhmed) August 30, 2020
ޖަމީލްގެ ޓްވީޓްމަލީހާ ބީއެމްއެލްގެ ވަޒީފާއިން ވަކިކުރީ އޭނާ އާއި ބޭންކްގެ އިތުރު މުވައްޒަފުންތަކެއް ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގައި ނުކުރާ ޚަރަދުތަކެއް ބޭންކްގެ ކިބައިން އޭނާ ހޯދަން އުޅުނު ކަމަށް ބުނެ އެވެ. އެ މައްސަލާގައި އޭނާއާ މެދު ފިޔަވަޅެއްގެ ގޮތުން ފުރަތަމަ އެޅީ ފަހުގެ އިންޒާރު ދިނުމާއި މުސާރައިގެ ކުރިއެރުން ހިފެހެއްޓުމެވެ. އެ ނިންމުން ބޭންކުގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓުން ދަމަހައްޓާފައި ވަނިކޮށް އެ މައްސަލައާ ގުޅިގެން އިތުރު ފިޔަވަޅެއްގެ ގޮތުން ބޭންކުން ނިންމީ މަލީހާ ވަޒީފާއިން ވަކިކުރުމަށެވެ.
ސުޕްރީމް ކޯޓުން ނިންމީ މަލީހާއާ މެދު ފިޔަވަޅު އަޅާފައި ވަނިކޮށް އެކަމާ ގުޅިގެން އިތުރު ފިޔަވަޅެއް ބޭންކަށް ނޭޅޭނެ ކަމަށެވެ. އަދި އިތުރު ފިޔަވަޅެއްގެ ގޮތުން އޭނާ ވަކިކުރަން ނިންމީ ފަހުން ލިބުނު މައުލޫމާތަކަށް ބިނާކޮށް ކަމަށް ބޭންކުން ބުންޏަސް، އެ މައުލޫމާތަކީ ފުރަތަމަ ފިޔަވަޅު އެޅިއިރު ވެސް ލިބިފައި އޮތް މައުލޫމާތެއް ކަމަށްވާތީ އެ އަމަލާ ގުޅިގެން އިތުރު ފިޔަވަޅެއް ނޭޅޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ