މަރު ކޮމިޝަނުގެ މެމްބަރު އާދަމް ވެސް ކޮމިޝަނުން އިސްތިއުފާ ދެއްވައިފި

ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭންގޭ މަރު ތަކުގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ރިޔާސީ ކޮމިޝަނުގެ މެމްބަރު އާދަމް މުހައްމަދު އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ. އާދަމް މަރު ކޮމިޝަނުން އިސްތިއުފާ ދެއްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ 'ސަން' އަށް ކަށަވަރުކޮށްދެއްވާފަ އެވެ. ހޫދު ވިދާޅުވީ އާދަމް ކޮމިޝަނުން އިސްތިއުފާ ދެއްވީ މި މަހުގެ އަށްވަނަ ދުވަހު ކަމަށެވެ. އަދި އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށެވެ. ކޮމިޝަންގެ މެމްބަރު ކަމުން އާދަމް އިސްތިއުފާ ދެއްވާފައިވާއިރު އެ ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވެސް ވަނީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފައެވެ. ސުއޫދު ވެސް ކޮމިޝަނުން އިސްތިއުފާ ދެއްވީ މި މަހުގެ އަށްވަނަ ދުވަހުއެވެ. ސުއޫދު މަރު ކޮމިޝަނުން އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން އޭނާއަށް ރުހުން ދިނުމާ ގުޅިގެންނެވެ. ސުއޫދާއި އާދަމް މަރު ކޮމިޝަނުން އިސްތިއުފާ ދިނުމުން މިހާރު އެ ކޮމިޝަނުގައި ތިއްބެވީ މިސްބާހް އައްބާސް، އަހްމަދު ނާޝިދު އަދި ފަރީޝާ އަބްދުﷲ އެވެ. ހޫދު މީގެ ކުރިން 'ސަން' އަށް ވިދާޅުވެފައި ވަނީ ކޮމިޝަނުގެ ރައީސް އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ނިމިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށް، ގިނަ މަރުތަކެއްގެ އަޑި ހޯދާފައިވެ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލާފައި ތަފްސީލު ދެ ރިޕޯޓެއް އެކުލަވާލައި ވަނީ އާންމުކޮށްފަ އެވެ އަދި އެމައްސަލަތަކާ ގުޅިގެން ބައެއް މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ވަނީ ފޮނުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ