އެއް ޕާޓީއަކަށް ހުރިހާ ގޮނޑިއެއް ދިނުން ރަނގަޅެއް ނޫން: ޔުމްނާ

ރާއްޖޭގައި އޮންނަންވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ކަމަށާއި އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން އެކަން ހާސިލެއް ނުކުރެވޭނެ ކަމަށް، ހެރިޓޭޖް މިނިސްޓަރު އަދި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިންތިގާލީ ނައިބު ރައީސް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ޔުމްނާ މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ޔުމްނާ މިހެން ވިދާޅުވެ ޓުވީޓެއް ކުރައްވާފައި މިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ގޮނޑިތައް އެމްޑީޕީއަށް ދިނުމަށް އެ ޕާޓީން އެދެމުން އަންނަ ދަނޑިވަޅެއްގައެވެ. https://twitter.com/yumna_maumoon/status/1217105594856828930?s=19 އެމްޑީޕީން މިހާރު އިންތިހާބަށް ކެމްޕޭން ފަށާފައި ވާއިރު، މިއަދު ހދ. ވައިކަރަދޫގައި އެޕާޓީން ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އިންތިހާބުގައި ބޮޑު އަޣްލަބިއްޔަތެއް އެމްޑީޕީއަށް ދިނުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ ސަރުކާރާއި، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ކުރާ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރެވޭނީ އެއް ފިކުރެއްގެ ކައުންސިލްތަކެއް ވެސް އިންތިހާބު ކޮށްގެން ކަމަށެވެ. އޭގެ އިތުރުން ލާމަރުކަޒީ ގޮތުން ރާއްޖެ ތަރައްގީ ކުރުމުގެ ކަންކަން އެމްޑީޕީ ނޫން ބަޔަކަށް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ. އަދި ކޯލިޝަނުގެ ސަބަބުން އެމްޑީޕީގެ މެންބަރުންނަށް ހައްގު މިންވަރު ނުލިބޭކަމަށް ވިދާޅުވެ ވެރިކަން ކުރާ ކޯލިޝަނަށް ވެސް ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ. މި ސަރުކާރު އުފެދިފައިވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫނުގެ އެމްއާރުއެމް ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ