ޒަހާ އަށް ފުރިހަމަ އިތުބާރު އެބައޮތް: މައުމޫން
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.ޒަހާ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި މިނިސްޓަރުކަމަށް ވަޑައިގަތް ބޭފުޅެކެވެ.ރައީސް އޮފީސް ޓެގް ކުރައްވައި މައުމޫނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަހާއަށް އެމްއާރްއެމްގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީއަށާއި ގައުމަށް ކޮށްދެއްވަނީ ފާހަގަކޮށްލެވޭ ވަރުގެ ހިދުމަތެއް ކަމަށެވެ.މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން މަޖިލީހަށް އިދިކޮޅު ކޯލިޝަންގެ މެންބަރުން މިއަދު ވަނީ މަޖިލީހަށް މައްސަލަ ހުށައަޅާފައެވެ. ދިހަ މެންބަރުން ސޮއިކުރައްވާ ހުށައެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައިވަނީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދި، އަދި މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާ ނުދެވި މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނުހަދާ މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑު ކުރެވިފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ދިވެހި މަސްވެރިންނަށް ޔަގީން ކޮށްދިނުމަށްދީ، ކަންނެލި ޖަގަހަތަކާއި ގޭދޮށު ފެކްޓްރީތައް ގާއިިމު ކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދުތަކެއް ނަމަވެސް އެ ވައުދުތައްވެސް ފުއްދިފައިނުވާ ކަމަށެވެ.އެހެން ކަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދާނުކުރެވޭތީ އެކަމަަނާ މަގާމުގައި ހުންނެވުމަކީ މަސްވެރިންނާއި މަސްވެރި އާއިލާތަކަށްވެސް އިތުރު ނިކަމެތި ކަމެއް ލިބޭނެ ކަމެއް ކަމަށްވާތީ ޒަހާގެ އިތުބާރު ނެތް މައްސަލަ ހުށައަޅާ ކަމަށެވެ.ޒަހާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއް މިނިސްޓަރަކީވެސް ޒަހާ އެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ކަމާމެދު އެމްޑީޕީގެ ބައެއް މެންބަަރުން ތަކުރާރުކޮށް ސުވާލު އުފައްދާފައިވެއެވެ. އަދި ޒަހާގެ އިސްތިއުފާއަށްވެސް އެމްޑީޕީގެ މެންބަރުން މީގެ ކުރިން ގޮވާލާފައިވެއެވެ. މިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގައި ހުންނެވި މަލީހު ޖަމާލް އެ މަގާމުން ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ