މިހާތަނަށް 200،000 އަށް ވުރެ ޓޫރިސްޓުން ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދެ ލައްކައަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ ނިޔަލަށް 200،871 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 140،818 ދަށް އަދަދެކެވެ. އެކަމަކު މިއީ ކޮވިޑް-19 ގެ ސަބަބުން ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވި ފަހުން ހޯދަމުން އަންނަ ކުރިއެރުމަށް ބަލާއިރު ބޮޑު ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި 341،689 ޓޫރިސްޓުން ރާއްޖެ އައެވެ.
މި އަހަރުގެ މި މުއްދަތުގައި އައި ޓޫރިސްޓުންގެ އަދަދު ދަށްވެފައިވަނީ ކޮވިޑް-19ގެ ސަބަބުންނެވެ. ބައެއް ގައުމުތަކުން ދަތުރުފަތުރު މެދުކަނޑާލައިފައިވާއިރު ދަތުރު ކުރުމުގައި ގިނަ ގަވާއިދުތަކެއް ވެސް ވަނީ ހަދައިފަ އެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ އިން ވެސް ދަތުރުފަތުރު މެދުކަނޑާލައިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެންމެ ގިނަ ޓޫރިސްޓުން އައީ އެ ގައުމުންނެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެއީ 46،541 ޓޫރިސްޓުންނެވެ.
މީގެ އިތުރުން ރަޝިއާއިން 42،417 ޓޫރިސްޓުން އައިއިރު ޔޫކްރެއިނުން 13،350 އަދި ކަޒަކިސްތާނުން 8،537 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން މިހާތަނަށް 663 ޓޫރިސްޓު ފެސިލިޓީއަކުން ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ. މީގެ ތެރޭގައި 148 ރިސޯޓާއި 11 ހޮޓަލާއި 140 ސަފާަރީ އަދި 364 ގެސްޓްހައުސް ހިމެނެ އެވެ. މިއީ އެނދުގެ ނިސްބަތުން ބަލާނަމަ 45،083 އެނދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ