ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި މުފީދު ހިމެނޭގޮތުން 13 މީހަކު ހައްޔަރުކޮށްފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޯލިޝަނުން ބުނެފި އެވެ. އެ ކޯލިޝަނުން ބުނީ މިއަދު ހައްޔަރު ކުރި މީހުންގެ ތެރޭގައި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުން ވެސް ހައްޔަރުކޮށްފައިވާކަމަށް އިދިކޮޅުން ބުންޏެވެ. ނަމަވެސް މުޒާހަރާއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ. އިދިކޮޅުން އިއްޔެ ވެސް ވަނީ މާލޭގައި މުޒާހަރާކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ މުޒާހަރާ ރޫޅާލައިފަ އެވެ. ޕީޕީއެމް އޮފީސް ކުރިމަތިން ފެށި އެ މުޒާހަރާ ފުލުހުން ރޫޅާލީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ބާއްވާ އެއްވުމެއް ކަމަށް ބުނެ، އެ ސަރަހައްދު ދޫކޮށް ދިޔުމަށް ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު އެވެ. ނަމަވެސް އިއްޔެގ މުޒާހަރާއިން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މާލެ ސީޓީގައި ކޮވިޑް ކޭސްތައް ގިނަވެ، ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވަނީ ރެއިން ފެށިގެން މާލޭގައި 10 މީހުން އެއްފަހަރާ އެއްވުން މަނާކޮށްފަ އެވެ. އިދިކޮޅުން ބުނީ މުޒާހަރާ ކުރިއަށް ގެންދާނީ އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް 10 މީހުންނަށްވުރެ ގިނަ ނުވާނެ ގޮތުގެ މަތިން ޓީމްތަކަށް ބަހާލައިގެން ކަމަށެވެ. ނަމަވެސް އިއްޔެވެސް އެއަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ