ފ. އަތޮޅު މަޝްރޫއުގެ މައުލޫމާތު ހާމަ ކުރަން މައުމޫން ގޮވާލައްވައިފި

"ފ" އަތޮޅުގެ މަޝްރޫއާ ބެހޭ ސައްހަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސްގެ އޮފީހުން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އަތޮޅެއް ކަމަށްވާ "ފ" އަތޮޅު އެއްކޮށް ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހި ސަރުކާރުން ވިއްކާލުމަށް ނިންމާފައިވާ ކަމުގެ ޚަބަރުތައް މީޑިއާގައި ފެތުރިފައި ވަނިކޮށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ "ފ" އަތޮޅަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި، ސައުދީ ސަރުކާރުގެ ވިޔަފާރީގެ ބޮޑު މަޝްރޫއެއް "ފ" އަތޮޅުގައި ހިންގަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް އެ މަޝްރޫއާ ބެހޭ އިތުރު އެހެން އެއްވެސް މައުލޫމާތެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައި ނުވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވެފައި ވަނިކޮށް، ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު މީޑިއާއިން ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
" އެގޮތުން މީޑިއާގައި މިހާރު އެންމެ ބާރަށް ދަޢުރުވަމުންދާ އެއް ވާހަކައަކީ ދިވެހި ސަރުކާރުން "ފ" އަތޮޅު ބޭރުގެ ބަޔަކަށް ވިއްކާލަން އުޅޭ ކަމުގެ ޚަބަރުތަކެވެ. ދިވެހިރާއްޖޭގެ ބިމުގެ އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް ވިއްކާ އަދި އެތަނަކުން މާލީ ފައިދާ ދާއިމަށް ބޭރުގެ ފަރާތްތަކަށް ލިބުމަކީ ދިވެހި ރައްޔިތުން އެދޭނެ ކަމެއްނޫނެވެ." ޕީޕިއެމްގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނި ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި ރައްކާތެރިކަމާއި ގުޅިފައިވާ އެކަހަލަ މަޝްރޫއުތަކުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ރާއްޖޭގެ ސަރުކާރަށް ލާޒިމު ކަމެއް ކަމަށާއި "ފ" އަތޮޅުގެ އެ މަޝްރޫއާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ސާފު ނުވާތީ އެ އަތޮޅުގެ ރައްޔިތުންވެސް ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި "ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް މިލްކުކޮށް ނުދިނުމާއި، ޢަސްކަރީ ބޭނުން ތަކަށް ދިނުން" ސުރުޙީ ގެ ދަށުން 251 ގެ (ހ) ގައި "ދިވެހި ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެއެވެ." ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ "ޕާޓީގެ މަޤުޞަދުތައް" ކަމަށްވާ ބާބުގެ 10 ވަނަ މާއްދާގެ (ށ) " އަދުގެ ދިވެހިންނާއި އަންނަނިވި ޖީލުތަކުގެ ދިވެހިންނަށްޓަކައި އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި، ރައްކާތެރިކޮށް ދެމެހެއްޓުން އަދި އެއިންކަމަކަށް އުނިކަމެއް އަތުވެދާނެ އެންމެހާ ކަންކަމުން ރާއްޖެ ސަލާމަތް ކުރުން"، އޭގެ އިތުރުން 10 ވަނަ މާއްދާގެ (މ) " ރާއްޖޭގެ އެންމެ ބޮޑު ރައުސްމާލަކީ ރާއްޖޭގެ ރައްޔިތުން ކަމުން، ރާއްޖޭގެ ބިންތަކާއި ކަނޑުތަކާއި އެތަންތަނާއި ގުޅިފައިވާ އެންމެހާއި ޤުދުރަތީ ވަސީލަތްތަކުގެ ޙަޤީޤީ މުއްސަދިކަން އިންސާފުވެރި ކަމާއެކު ރައްޔިތުންނަށް ލިބިދީގެން ރައްޔިތުންނަށް ތަނަވަސްކަމާއި ތިޔާގިކަން ގެނެސްދިނުން" ހިމެނޭ ކަމަށެވެ.
ޕީ.ޕީ.އެމް ގެ އަސާސީ ޤަވާއިދުގެ "މައިގަޑު އުޞޫލުތައް" މި ބާބުގެ 11 ގެ (މ) " ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި، ދިވެހި ރާއްޖޭގެ ޤުދުރަތީ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށް ދިނުމަށްޓަކައި ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތައް ކަނޑައެޅުން" އޮންނަ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭގޮތަށް ޤާނޫނު އަސާސީ ބަދަލުކުރުމަށް މަޖިލީހަށް ހުށަހެޅުމާއެކު، އެ ކަމަކީ ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ދެރަގޮތްތަކެއް ކުރިމަތިވެދާނެކަމެއް ކަމަށާއި، އެކަމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ފެނިވަޑައިގަންނަވާ ކަމަށް ބަޔާންކޮށް 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ސިޓީފުޅަކުން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައިވާ ކަމަށެވެ.
"ނަމަވެސް ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް، އަދި ޕާޓީގެ 2013 ގެ ޤައުމީ ޖަލްސާއިން ޕާޓީގެ ލޮބުވެތި އާންމު މެންބަރުން ފާސްކުރައްވާފައިވާ ޤަވައިދުތަކާއި އުޞޫލުތަކާއި ޚިލާފަށް، ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީ އަށް ގެނެވުނު އިސްލާޙު ރައްޔިތުންގެ މަޖިލީހުގެ ޕީ.ޕީ.އެމް ގެ ގިނަ މެންބަރުންގެ ވޯޓާއިއެކު ވަނީ ފާސްކޮށްފައެވެ." ބަޔާނުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީއަށް ބޮޑެތި އެތައް ބަދަލުތަކެއް ގެނެސް ފާސްކުރިއިރު ޕީޕީއެމްގެ ކައުންސިލާއި މަޝްވަރާއެއް ނުކުރަށްވާ، ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުންވެސް ޕާޓީގެ ރައީސްގެ އެއްވެސް ހުށަހެޅުމެއް ބަލައި ނުގަންނަ ކަމަށެވެ. ޕާޓީގެ ރައީސްގެ އެއްވެސް ސިޓީ ފުޅަކަށް ޖަވާބެއް ނުދެއްވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
"ކަން މިހެން ހުރި ނަމަވެސް ޕީ.ޕީ.އެމް ގެ މުސްތަޝާރު ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ވަނީ ޤާނޫނު އަސާސީއަށް ގެނެވުނު ބޮޑެތި ހުރިހާ ބަދަލުތަކެއް ތަސްދީޤު ކުރައްވާފައެވެ. " ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ މިލްކުވެރި ކަމުގެ ދަށުގައިވާ އެއްވެސް ތަނެއް، ބޮޑެތި އިޤްތިސާދީ މަޝްރޫއުތަކުގެ ނަމުގައި، ބޭރުގެ އެކިއެކި ފަރާތްތަކަށް ވިއްކައި އޭގެ މާލީ ނަފާ އެފަރާތްތަކަށް ދާއިމަށް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އެއްވެސް ސަރުކާރަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަހަލަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ މުސްތަޤްބަލް ބަނަވެ އަންނަން އޮތް ޖީލުތަކަށް ފޫނު ބެއްދޭވަރުގެ ގެއްލުމެއްވާނެ ފަދަ އެއްވެސް ކަމެއް ޕީޕީއެމް ގެ ސަރުކާރުން ކޮށްގެން ނުވާނެ ކަމަށާއި ބޭރުގެ އެކިއެކި ނުފޫޒުތަކުން އެއްކިބައިވެފައިވާ މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދަމަހައްޓާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ