ޤާނޫނާއި ހިލާފަށް 31 އަހަރު އެމެރިކާގެ ޖަލެއްގައި ހުރި މީހަކަށް ބަދަލުގެ ގޮތުގައި ދިނީ 75 ޑޮލަރު

ހުރިހާކަމެއް އެންމެ ފުރިހަމަ ކަމަށް ބުނާ އެމެރިކާގައި ނުކުރާ ކުށެއް ސާބިތުވާ ކަމަށް ކަނޑައަޅާ ޖަލަށްލި މީހަކު ކުށެއް ނުކުރާކަން 31 އަހަރު ފަހުން ސާބިތުވެ އޭނާ މިނިވަންވި ނަމަވެސް އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 75 އެމެރިކާ ޑޮލަރު (1156 ރުފިޔާ) ދޭން ނިންމައިފިއެވެ.
އެމެރިކާގެ ޓެންނެންސީ އަށް ނިސްބަތްވާ ލޯރަންސް މެކިނީ ކިޔާ މިމީހާ ޖަލަށްލީ 1977 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އަންހެނަކު ރޭޕް ކުރި ކަމަށް ބުނެއެވެ. އޭރު އޭނާގެ އުމުރުން 22 އަހަރެވެ. ލޯރަންސް ޖަލަށްލީ 115 އަހަރަށެވެ.
ނަމަވެސް ލޯރަންސް އާއި އޭނާގެ ޤާނޫނީ ވަކީލުން ކުރި މަސައްކަތުން އިތުރު ޑީއެންއޭ ތަހްލީލްތަކެއް ކޮށް ލޯރަންސްގެ ކުށެއް ނެތް ކަމަށް 2008 ވަނަ އަހަރު ކަނޑައެޅިއެވެ. އެހެންކަމުން 2009 ވަނަ އަހަރު އޭނާ ވަނީ ޖަލުން ދޫކޮށްލާފައެވެ.
ޖަލުން ދޫކޮށްލުމުން ލޯރަންސް މަސައްކަތް ކުރަމުން ދަނީ އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ހޯދަން އޭނާ ވަކާލާތު ކުރި ނަމަވެސް ޓެންނެންސީގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަން އިން އޭނާ އަށް ދިނީ އެންމެ 75 އެމެރިކާ ޑޮލަރެވެ.
ޓެންނެންސީގެ ޕެރޯލް ބޯޑުން ވެސް ނިންމާފައި ވަނީ ލޯރަންސް އަށް އިތުރު ބަދަލެއް ދޭން ނުފެންނަ ކަމަށެވެ. އެބޯޑުން ބުނީ ލޯރަންސްގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ އޭރު ހުރި ހެކިތަކާއި ތަހްލީލްތަކަށް ބަލާފައި އޭރު ޙުކުމް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ޙުކުމް ކޮށްގެން ކަމަށާއި އެހެންކަމުން ފަހުން ލިބުނު ހެއްކެއްގެ މައްޗަށް ބިނާކޮށް ގެއްލުމުގެ ބަދަލު ނަގައިދިނުން އިންސާފުވެރި ނޫން ކަމަށެވެ.
ނަމަވެސް ލޯރަންސް ހުރީ އަދިވެސް އިންސާފު ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތް ހުއްޓާލާ ގޮތަކަށް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ