ބޮޑު ރާޅުގައި ރާއްޖެ އަށް ލިބުނު ގެއްލުން ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 62 ޕަސެންޓަށް އަރާ: ވޯލްޑް ބޭންކް

އަހްމަދު ޒާހިރު (ހިރިގާ)
ބޮޑު ރާޅުގައި ރާއްޖެ އަށް ލިބުނު ގެއްލުން ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 62 ޕަސެންޓަށް އަރާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކްގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީން އިއްޔެ ބުނި ގޮތުގައި ބޮޑު ރާޅުގައި ރާއްޖެ އަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ވަރަށް ގިނަ އަދަދަކަށް ބޭރުގެ އެހީ ބޭނުންވެ އެވެ. އަދި ކުރީގެ ހާލަތަށް ރުޖޫއަވުމަށާއި އަލުން އާރާސްތު ކުރުމަށް 304 މިލިއަން ޑޮލަރު ބޭނުންވާ ކަމަށްް ވެސް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.
އެ ބޭންކުން ބުނެފައިވާ ގޮތުގައި ރާއްޖެ އަށް ލިބުނު ގެއްލުމުގެ ޖުމުލަ 470 މިލިއަން ޑޮލަރަށް އަރަ އެވެ. އަދި އެއީ ގައުމީ އުފެއްދުންތެރި ކަމުގެ ނިސްބަތުން 62 ޕަސެންޓް ކަމަށްް ވެސް އެ ފަރާތުން ބުނެފައިވެ އެވެ.
"އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ގެދޮރަށާއި ޓޫރިޒަމަށް. ތައުލީމަށާއި މަސްވެރިކަމާއި ދަތުރުފަތުރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި،" ވޯލްޑް ބޭންކުން ބުންޏެވެ.
"ކުރު މުއްދަތަށް ހިންގާ ޕްރޮޕްރާމްތަކަށް، ކުރިއަށް އޮތް ހަ މަސް ދުވަހަށް 120 މިލިއަން ޑޮލަރު، ބޭރުގެ އެހީގެ ގޮތުގައި ބޭނުންވާނެ."
ރާއްޖެ އިން އަށްޑިހަ ދެ މީހަކު މަރުވެ 26 މީހަކު ގެއްލުނު ހާދިސާ އާ ބެހޭ ގޮތުން ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު ނިސްބަތުން މަދުވި ނަމަވެސް އިގްތިސާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ރާއްޖެއަށެވެ.
ބޮޑު ރާޅުގައި ރާއްޖޭގެ 14 ރަށަކުން މީހުން ހުސް ކުރަން ޖެހުނެވެ. އަދި އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް އެކަމުގެ އަސަރު ކުރި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ވިދާޅުވި ގޮތުގައި ވޯލްޑް ބޭންކްގެ ރިޕޯޓް ރާއްޖޭގައި ނެރުއްވާނީ މި ރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ