އިދިކޮޅު ކޯލިޝަންގެ ތަފާތު ފިކުރުތަކުގެ ބޭފުޅުންް ތިއްބަވާ އިރު، އެބޭފުޅުންގެ ނުފޫޒުގެ ސަބަބުން ރައްޔިތުން އެދޭ ވެރިކަމެއް، އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އަށް ނުކޮށްދެވޭނެ ކަމަށް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ހދ. ނޮޅިވަރަންފަރުގައި ހެދި ބަނދަރު ހުޅުއްވައިދެއްވުމަށްފަހު މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ކޯލިޝަންގައި، މިހާރު ނިކުމެވަޑައިގެން ހުންނެވި ކެންޑިޑޭޓަށްވުރެ ނުފޫޒު ގަދަ އެތައް ނުފޫޒެއް އެބަ އުޅޭ ކަމަށާއި، ދައުލަތުގެ އެންމެ އިސް އަމާނާތް ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޖަވާބުދާރީވާން އަންނަ އެންމެ އިސް މީހާގެ މައްޗަށް ބަސް ކިޔޭ އެތައް ބަޔަކު ތިބެގެން ދައުލަތް ނުހިންގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވާގޮތަށް ދައުލަތެއް ހިންގަން ބޭނުންވާނަމަ، ދައުލަތް ހިންގަން އިންތިހާބުކުރާ މީހާއާ ހަމައިގައި ހުރިހާ ބާރުތަކެއް އޮތުން މުހިއްމު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވެރިޔަކު ތެދުވެރިވާންޖެހޭނީ، އޭނާގެ ކުރިމަތީގައި އޮންނަ ގާނޫނު އަސާސީއަށާއި، ގައުމުގައި އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށާއި ގާނޫނީ ވެރިކަމެއް ދެމެހެއްޓުމަށާއި އިންސާފު ގާއިމްކުރުމަށްޓަކައި އެކަނި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އިދިކޮޅުން ގެންނަ ވެރިކަން ރައްޔިތުންނަށް ގަބޫލުކޮށްދިނުމަށް ގިނަ ކަންތައްތަކެއް އިދިކޮޅުން ކުރަން އަދިވެސް ބާކީ އޮތް އިރު، އެމަނިކުފާނު ހުންނެވީ ހުރިހާކަމެއް ރައްޔިތުންނަށް ސީދާކޮށް ފެންނަން އޮތް ސިޔާސަތުތަކަކާއިގެން ނިކުމެވަޑައިގެން ކަމަށެވެ.
އެމްޑީޕީގެ ސަރުކާރެއް އަތުވެއްޖެ ނަމަ ކުރަން ކަމަށް ބުނަންޖެހޭނީ ތިމަން މަނިކުފާނު ކުރައްވަން ފައްޓަވާފައި ހުރި ކަންތައް ނިންމުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ހިންގާ މަޝްރޫއުތައް ކޮންމެ ރަށަކަށް ވަޑައިގަތަސް ފެންނާނެ ކަމަށާއި އިދިކޮޅު ކެންޑިޑޭޓަށް ވެސް ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ނިކުތީވެސް ރައްޔިތުންނާ އެކު ކަމަށާއި ނިންމާނީވެސް ރައްޔިތުންނާ އެކު ކަމަށް ވިދާޅުވެ އިބޫއަށް ވަރަށް ބޮޑަށް ފާޑުކިޔުންތަކެއް ރައީސް ޔާމީން ވަނީ އަމާޒު ކުރައްވާފައެވެ.
ހދ. ގެ ނޮޅިވަރަންފަރާއި ކުޅުދުއްފުށްޓަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅަކީ، އެރަށްރަށުގައި ގާއިމު ކުރި ބައެއް ތަރައްގީގެ މަޝްރޫއުތަކުގެ ނިންމުން ފާހަގަކުރުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ނޮޅިވަރަންފަރުގެ ދަތުރުފުޅަށްފަހު ދެން އެމަނިކުފާނު މިރޭ ވަޑައިގަންނަވާނީ ކުޅުދުއްފުށްޓަށެވެ.
އިބޫއަށް ރައްޔިތުން އެދޭ ފަދަ ވެރިކަމެެއް ކޮށް ނުދެވޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ