އޮޅުވެލިފުށީ ކަރަންޓް %100 އިއާދަކުރަނިވި ހަކަތައަށް ބަދަލުރެވޭނެ: ރައީސް

ފާދިއްޕޮޅު އޮޅިވެލިފުށީގައި ހިންގާ އިއާދަކުރަނިވި ހަކަތައިގެ ނިޒާމް ނިމޭއިރު، އެރަށުގައި ބޭނުންކުރާ މުޅި ކަރަންޓްގެ ނިޒާމް ސޯލާއަށް ބަދަލުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފާދިއްޕޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އޮޅުވެލިފުށީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަޒީރާ ހޮޅުއަށި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޅުވެލިފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން ރައީސް ވަނީ މިހާރުން މިހާރަށް ހައްލު ހޯދައިދެވެންހުރި ކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި މިހާރު އެންމެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ކުރިއަށްދަނީ ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫޢުކަމަށާއި، އެ މަސައްކަތް ނިންމުމަށް ކުޑަ ލަސްކަމެއް އައިނަމަވެސް ވީހާވެސް އަވަހަށް އެ މަޝްރޫޢުތައް ނިންމާ ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އައު އިންޖީނުގެ މަޝްރޫޢާއި، ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމާއި އައުޓްޑޯ ޖިމެއް ޤާއިމްކުރުމުގެ މަޝްރޫޢު ނިންމާ ޚިދުމަތްދޭ ފަށާނެކަމަށާއި، އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްވެސް މަސައްކަތްކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިވަގުތު އޮޅުވެލިފުށީގައި އޮތީ ކުޑަ ބަނދަރަކަށްވެފައި ބައެއް ދުވަސްވަރު ބަނދަރު ތިލަވާ މައްސަލަ ހައްލުކުރުމަށް އައު ބޮޑު ބަނދަރެއް ތަރައްޤީކުރާއިރު، ރަށުގެ ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއްވެސް މިމަޝްރޫޢުގެ ތެރޭގައި ހިމަނައިގައިގެން ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އޮޅުވެލިފުށީގައި މިހާރު ހިނގަމުންދާ ސޯލާ ނިޒާމްގެ މަޝްރޫޢުގެ ދަށުން ރަށުގެ ކަރަންޓުގެ 70 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފައްދާކަން ފާހަގަކުރައްވަމުން މަޝްރޫޢު ނިމިގެންދާއިރު ރަށުގައި އުފައްދާ ހުރިހާ ކަރަންޓެއް 100 އިންސައްތައަށް ބަދަލުވާނެކަމަށް ވިދާޅުވިއެވެ.
"މިހާރުވެސް ސޯލާ މަޝްރޫޢުގެ ބޮޑު ބައި ނިމި ކަރަންޓުގެ ބޮޑު ބައި ބޭނުންކުރަނީ ސޯލާގަ. އޭގެން 70 ކިލޯ ވޯޓް އުފެއްދޭ. އަމާޒަކީ މުޅި ކަރަންޓް ސޯލާއަށް ބަދަލުކުރުން. އެކަން ފެނަކައިން ކުރާނެ. މުޅި ކަރަންޓް ސޯލާއަށް ބަދަލުކުރެވޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އޮޅުވެލިފުށީގައި އެޅުމަށް ނިންމާފައިވާ 8 ކްލާސްރޫމްގެ ބަދަލުގައި 10 ކްލާސްރޫމް އަޅުއްވާނެކަމަށް ވިދާޅުވިއެވެ. މިއާއެކު އެއްދަންފަޅިއަށް ކިޔަވައިދިނުމަށް ބަދަލުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ސިއްޙީ ނިޒާމް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ސިއްޙީ މަރުކަޒުގައި ލެބޯޓްރީއެއް ޤާއިމްކޮށް، އިތުރު ވަސީލަލްތައްވެސް އެ މަރުކަޒުގައި ޤާއިމްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މުސްތަޤްބަލުގައި ފާދިއްޕޮޅުގައި އެންމެ ބޮޑަށް ތަރައްޤީވާނީ އޮޅުވެލިފުށި ހިމެނޭ ސަރަހައްދުކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ބޯހިޔާވަހިކަން ހައްލުކުރުމަށްވެސް ސަރުކާރުން މަސައްކަތްކުރައްވާކަން ރައީސްގެ ވާހަކަފުޅުގައިި ވަނީ ފާހަގަކުރައްވާފައެވެ.
އޮޅުވެލިފުށީގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހުރިކަން ރައީސް ފާހަގަކުރައްވާފައިވާއިރު، މިއަހަރުގެ ބަޖެޓްގައި ހިމަނައިގެން އެ ރަށުގައި 10 މަޝްރޫޢެއް އެކި މަރުހަލާގައި އެބައޮތެވެ. މި ރަށުގެ ތަރައްޤީއަށް މިއަހަރުގެ ބަޖެޓްގައި ވަނީ 13.7 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ