ކޯޓުން ދޫކޮށްލިތާ 48 ގަޑިއިރު ނުވަނީސް ވައްކަމުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ގެންދިއުމުން މުއްދަތު ނުދީ ދޫކޮށްލިތާ 48 ގަޑިއިރު ނުވަނީސް ވައްކަމުގެ މައްސަލައެއްގައި އިތުރު މީހަކާއެކު ކޯޓުން ދޫކޮށްލި މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ 09:10 ހާއިރު ފުލުހުންނަށް ހުށަހެޅުނު މި ވައްކަމުގެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 38 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއް ކަމަށާއި މި ދެމީހުންނަކީވެސް ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ ދެމީހުންނަށް ވާއިރު މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވަގަށް ނަގައިގެން ދިޔަ ތަކެތި ހިފައިގެން ދަނިކޮށް ކަމަށެވެ.
މި ދެމީހުންގެ ތެރެއިން 38 އަހަރުގެ މީހާއަކީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ބޭނުންކުރަމުންދަނިކޮށް، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅަކާއި މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި ބޭނުންކުރާ ބައެއް ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި މައްސަލައާއި ގުޅިގެން އޭނާ ކޯޓަށް މުއްދަތަށް ގެންދިއުމުން ދޫކޮށްލާފައިވާއިރު އޭނާއަކީ ވައްކަމުގެ މައްސަލައެއްގައި ގޭބަންދުގައި ޙުކުމް ތަންފީޒް ކުރަމުންދާ މީހެކެވެ.
މި ދެ މީހުން ވަގަށް ނަގާފައިވަނީ ގއ. ދާންދޫގައި ސުނާމީގެ ގެތައް އިމާރާތްކުރުމުގެ މަސައްކަތްކުރަމުންދާ ކުންފުނީގެ ސައިޓްގައި ހުރި ކޮންކްރީޓް 59 ދަނގަޑެވެ. މިތަކެތި މިހާރުވަނީ ހޯދައި އެތަކެތީގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ