ޕްރޮވިންސް ހެދުމާ ދެކޮޅަށް އަޑު އުފުލައި ފުވައްމުލަކުގައި ހިނގާލުމެއް ބާއްވައިފި

ޕްރޮވިންސް ހެދުމާ ދެކޮޅަށް އަޑު އުފުލައި ގިނަ އަދަދެއްގެ ބަޔަކު ޏ.ފުމައްމުލަކުގައި މުޒާހިރާކޮށް، ހިނގާލުމެއް ބާއްވައިފި އެވެ.ފުވައްމުލަކުގެ ބޯޅަދަނޑުގެ ސަރަހައްދުން މިއަދު ހަވީރު 4:30 ކަންހާއިރު ފެށި އެ ހިނގާލުމުގައި ގާތްގަނޑަކަށް ފައްސަތޭކަ އެއްހާ މީހުން ބޯޑުތަކާއި ބެނާތައް ހިފައިގެން، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި ޕްރޮވިންސްތައް ހެދުމާ ދެކޮޅަށް އެމީހުންގެ ޝުއޫރުތައް ފާޅުކޮށް އަޑުއުފުލާފަ އެވެ.ފުވައްމުލަކުގެ ބޮޑެތި މަގުތަކުގައި ކުރިއަށްދިޔަ އެ ހިނގާލުމުގައި ބައިވެރިވި މީހަކު ސަމްއެފްއެމަށް މައުލޫމާތު ދެމުން ބުނީ އެ ހިނގާލުމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި، ޕްރޮވިންސްތައް ހެދުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް އަޑުއުފުލާ ބޭއްވި ހިނގާލުމެއް ކަމަށެވެ. އަދި ކައުންސިލްތައް ހިންގަން ޖެހޭނީ ޤާނޫނަކުން ކަނޑައަޅާ އިމެއްގެ ތެރޭގައި ކަމަށް ކަނޑައަޅާފައި ވަނިކޮށް މިހާރުވެސް ޕްރޮވިންސް އޮފީސްތައް ހަދައިގެން ދިމާވަމުންދާ މައްސަލަތައް ތަޒުރިބާ ކުރެވެމުންދާ ކަމަށް އެހިނގާލުމުގެ ބައިވެރިން ބުނަމުންދިޔަ ކަމަށާއި އެހެންވެ ޤާނޫނު އަސާސީގައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނު ހެދިގެން އަންނައިރު، ޕްރޮވިންސް އޮފީހާއި ޕްރޮވިންސް މިނިސްޓަރުންނަށް ޖާގަ ނުދިނުމަށް އެ ހިނގާލުމުގެ ބައިވެރިން ގޮވާލާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަށް ޤާނޫނު އަސާސީން ލިބިދީފައިވާ ބާރުތައް ބޭނުންކުރެއްވުމުގައި ޤާނޫނު އަސާސީގެ އިމުގެ ތެރޭގައި ބޭނުންކުރެއްވުމަށް ވެސް އެ ހިނގާލުމުގެ ބައިވެރިން ގޮވާލާފައިވާ ކަމަށާއި އިސްލާމްދީން ހިމާޔަތްކުރުމަށް ސަރުކާރަށް ލާޒިމްކުރާ ކަންތައްތައް ކުރުމަށް އިހުމާލްވަމުންދާތީ އެކަމާ ވެސް އަޑު އުފުލާފައިވާ ކަމަށްވެސް އޭނާ ކިޔައިދިނެވެ.ފުވައްމުލަކުގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ބައިވެރިވި އެހިނގާލުން ނިންމާލާފައި ވަނީ ވެސް ބޯޅަދަނޑުގެ ސަރަހައްދުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ