އަންނަ ހޮނިހިރުދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓު ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ނުނެރުނު ނަމަ ރާއްޖޭގެ ކުރިމަގު ބަނަވެގެން ގޮސް މަސްރަހު ހޫނުވެގެންދާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ޗެނަލް 13 އަށް ދިން ހާއްސަ ބަސްދީގަތުމެއްގައި ޑރ.ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމަކީ ގާނޫނު ނެގެހެއްޓުމަށް ލިބިގެންދިޔަ ބާރެއް ކަމަށާއި މިހާ ހިސާބަށް މިގައުމުގެ ހާލަތު ގޮސްފައިވަނީ ޝަރުއީ ކޯޓުތަކުން ނިންމަން ޖެހޭ ނިންމުންތައް ނުނިންމާ ލަސްވުމުގެ ސަބަބުން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން މި އިންތިހާބުގައި ވާދަކުރައްވާ އެއް ކެންޑިޑޭޓު މުހައްމަދު ނަޝީދަކީ އެބޭފުޅާގެ މައްޗަށް ޖިނާއީ ބޮޑު ދައުވާއެއް އުފުލެވިފައިވާ ފަރާތެއް، އެބޭފުޅާގެ މައްޗަށް އުފުލިފައިވާ ދައުވާ އިންތިހާބު އަންނައިރު ނިންމަން ޖެހޭ، އެހެންނަމަވެސް އެ ނިންމުން ނުނިންމާ މިހާ ހިސާބަށް އައުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމަށް ލިބިގެންދިޔަ ލޮޅުމެއް." ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ މި ހުކުމާއި ގުޅިގެން ނުތަނަވަސްކަން ނުވަތަ ހަމަނުޖެހުމެއް އަންނަން ނުޖެހޭނެ ކަމަށާއި ސުޕްރީމް ކޯޓުން ނިންމީ ވަރަށް ހިތްވަރުގަދަ ނިންމުމެއް ކަމަށެވެ.
ޖަމީލް އިތުރަށް ވިދާޅުވީ ޕީޕީއެމްއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ ގާނޫނު ނަގަހައްޓައި ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަރުދަނާ ކުރުމަށާއި މިނިވަން އިންތިހާބެއް ބޭއްވުމަށް ކަމަށެވެ.
އިންތިހާބު ފަސް ކުރަން އަމުރުކުރީ ސުޕްރީމް ކޯޓުގެ 4 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ ސޮއިކުރައްވާފައި މި އަމުރު ނެރުނީ ހުރިހާ ފަނޑިޔާރުން މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު އަމުރުގައި ސޮއިކުރައްވާފައިވެ އެވެ. އަމުރުގައި ސޮއި ނުކުރައްވަނީ މުއުތަސިމް އަދުނާނާއި އަބްދުﷲ އަރީފެވެ.
އެ އަމުރުގައި ވަނީ އެ ކޯޓުން ބަލަމުން ދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ ށ. ގެ ދަށުން، އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރުކުރާ ކަމަށެވެ.
“.މި މައްސަލައިގައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބާއްވާނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުން ފަސް ކުރުމަށް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ)ގެ މައްޗަށް ރިއާޔަތްކޮށް، އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،” ހުކުމުގައި ބުނެފައިވެ އެވެ.
ކޯޓުން އަމުރު ނުނެރުނަމަ ކުރިމަގު ބަނަވެގެންދާނެ - ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ