ފަތުރުވެރިކަމަށް ގެއްލުން ނުވާ ގޮތަށް ވިލާގެ މައްސަލަ ހައްލުކޮށްދިނުމަށް މަޓާޓޯ އިން ގޮވާލައިފި

ރިސޯޓްތަކުގައި ފަތުރުވެރިން ތިއްބާ ދިމާވާ މައްސަލަތައް ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ހައްލުކޮށްދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ގޮވާލައިފި އެވެ.
މަޓާޓޯ އިން މިކަމަށް ގޮވާލާފައި މިވަނީ ވިލާ ގުރޫޕްގެ ހުރިހާ ރިސޯޓެއްގައި ފުލްކޮށް ފަތުރުވެރިން ތިއްބާ އެތަންތަނަށް ދައުލަތުގެ ބައެއް މުއައްސަސާތަކުން އަރާ ބަލައި ފާސްކުރަމުގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ގޮތުން ދިމާވަމުންދާ މައްސަލަތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މިއަދު ނެރެފައިވާ ބަޔާނެއްގަ އެވެ.
މަޓާޓޯގެ ބަޔާނުގައި ބުނެފައިވަނީ ގާނޫނުތަކާއި ގަވައިދުތަކަށް ހުރިހާ ފަރާތްތަކަކުން ވެސް އިހްތިރާމްކުރަން ވާނެ ކަމަށެވެ. އެހެންނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި ދިމާވާ ވިޔަފާރީގެ ނުވަތަ ގާނޫނީ މައްސަލައެއްގައި ހިޔާލުތަފާތުވާ ވަގުތުތަކުގައި ވަކިން ހާއްސަކޮށް އެފަދަ ކަމެއް ދިމާވަނީ ރިސޯޓެއްގައި ޓޫރިސްޓުން ތިބޭ ވަގުތެއްގައި ނަމަ ދެފަރާތުން ގުޅިގެން އެމައްސަލައެއް ހައްލުކުރުން މުހިއްމު ކަމަށް މަޓާޓޯ އިން ދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މައްސަލައެއް އުފެދިދާނެކަން ގަބޫލުކުރާ ކަން ފާހަގަކޮށް މިބަޔާނުގައި ބުނެފައިވަނީ އެކަމަކު އެފަދަ މައްސަލަތައް ފަތުރުވެރިންނާއި އެޖެންޓުންނަށް ގެއްލުން ނުވާ ގޮތަކަށް ހައްލުކުރުމަކީ މައްސަލައިގައި ހިމެނޭ ދެފަރާތުގެ ޒިންމާއެއް ކަމަށެވެ.
މިހާރު ފެންމަތިވެގެން އުޅޭ ވިލާގެ ރިސޯޓްތަކުގެ މައްސަލާގައި ކަންބޮޑުވާ ކަން ފާހަގަކޮށް މިބަޔާނުގައި ބުނެފައިވަނީ ކުރިމަތިވެގެން އުޅޭ މައްސަލައިގެ ހާލަތު ސާފުވާވަރުގެ އެކަށީގެންވާ މައުލޫމާތު މަޓާޓޯ އަށް އަދި ލިބިފައި ނުވާ ކަމަށެވެ. އެކަމަކު މިމައްސަލާގައި މީޑިއާއިން ގެނެސްދޭ މައުލޫމާތައް ބަލާއިރު މިކަމަކީ ރާއްޖެއަށް ޒިޔާރަްކުރުމަށް ބުކިން ހަދާފައިވާ ޓޫރިސްޓުންނަށް ދެވޭ ރަނގަޅު މެސެޖެއް ނޫން ކަންވެސް ފާހަގަކޮށްފައިވެ އެވެ.
މަޓާޓޯގެ ބަޔާނުގައި ވަނީ ވިލާގެ މައްސަލަ ބަލައި، ރަނގަޅު އުސޫލަކުން ހައްލު ހޯދުމަށްވެސް އެދިފަ އެވެ. ފަތުރުވެރިކަމުގެ ދާއިރާ އަކީ ރާއްޖޭގެ އިގްތިސޯދުގައި 75 އިންސައްތަ ހިއްސާކުރާ ދާއިރާއެއް ކަމަށާއި މިދާއިރާއަށް ލިބޭ ގެއްލުމުގެ އަސަރު ރާއްޖޭގެ ހުރިހާ ދާއިރާތަކަކަށް ކުރާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މުސްތަގުބަލްގައި ދިމާވެދާނެ މިފަދަ މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރަންޖެހޭ ކަމަށްވެސް މިބަޔާނުގައިވެ އެވެ. މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ރަނގަޅު އަހަރަކަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި އެހެންކަމުން ސިޔާސީ ތަފާތުތަކުން ދުރުވެ އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިއްމު ކަމަށްވެސް ބަޔާނުގައިވެ އެވެ.
މަޓާޓޯގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ ރާއްޖެ އަށް އިތުރު ފަތުރުވެރިން ގެނައުމަށާއި ދިވެހިންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް މަޓާޓޯ އިން ތާއީދުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ