ރައްޔިތުން އަޑު އިއްވުމުގައި ސާބިތުވެ ތިބުމަށް ގާސިމް އެދިވަޑައިގެންފި

ރައްޔިތުން ނިކުމެ ރައީސް އަބުދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު ހައްޔަރުކުރުމަށް ސަލާމަތީ ހިދުމަތްތަކުގެ އޮފިސަރުންނަށް އަޑުއިވޭ ވަރަށް ގޮވާލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފި އެވެ.
ގާސިމް އިބްރާހީމް ކުރައްވާފައިވާ ޓްވީޓުތަކެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނާއި މަސީހު ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް ހިންގަވާފައިވާ އަމަލުތަކާ ދެކޮޅަށް ރައްޔިތުން ހަރުއަޑުން އަޑުއުފުލަން ޖެހޭ ކަމަށެވެ. އަދި މިހާރުން މިހާރަށް އެ ދެބޭފުޅުން ހައްޔަރުކޮށް ތަހްގީގު މިހާރުން މިހާރަށް ފަށައިދިނުމަށް ރައްޔިތުން ނިކުމެ ފުލުހުންނާއި ސިފައިންނަށް އަޑުއިވޭ ވަރަށް ގޮވަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އިސްލާމް ދީނުގައިވާ ގޮތާ ހިލާފަށް ރައީސް ޔާމީން ވިދާޅުވެފައިވާ ވާހަކަތަކުގެ އަޑުވެސް ފުލުހުންނާ ސިފައިންނަށް އަޑު އިވޭ ވަރަށް އިއްވަން ޖެހޭ ކަމަށާއި، ކުށެއްނެތް ރައްޔިތުން ޖަލަށް ނުލައި ރައީސް ޔާމީނާއި މަސީހު ހައްޔަރުކޮށް ޖަލަށްލާން ގޮވާލަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ގުޅިފައިވާ ޕާޓީ ތަކުން މާލޭގައި ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި މީގެ ކުރީގެ މުޒާހަރާތަކުގައި ނުލިބޭ ވަރުގެ ބޮޑު ކާމިޔާބީއެއް ލިބި ޖުމްހޫރީ މައިދާނާ ހަމައަށް އެއްވެވުނު ކަން ކާމިޔާބީއެއްގެ ގޮތުގައި ގުޅިފައިވާ ޕާޓީތަކުން ފާހަގަކުރާއިރު ގާސިމް އިބްރާހީމް ވިދާޅުވީ އެމްއެންޑީއެފާއި ފުލުހުންގެ އޮފިސަރުން ތިއްބަވާނީ ދިވެހި ގައުމާ ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުން ހައްގުބަސް ބުނުމުގައި ސާބިތުވެ ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ފުލުހުންގެ 60 މީހުން ފިޔަވާ ދެންތިބި ހުރިހާ ފުލުހުންވެސް ތިބީ ރައްޔިތުންނާ އެކުގައި ކަމަށާއި، އެހެންކަމުން ރައީސް ޔާމީން ކުރައްވާ ގާނޫނާ ހިލާފު ކަންކަން ހުއްޓާލަން ގޮވާލުމުގައި ރައްޔިތުން ދެމިތިބުމަށްވެސް ގާސިމް ވަނީ އެދިވަޑައިގެންފަ އެވެ.
ގާސިމް އިބްރާހީމް ވަނީ ހުކުރު ދުވަހު މާލޭގައި ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވުމަށްވެސް އިލްތިމާސްކޮށްފަ އެވެ. ގާސިމްގެ އިލްތިމާސްއާ އެއްގޮތަށް މި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވިކަން ވެސް ފާހަގަކުރެވެ އެވެ.
ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ގެންދަވަނީ ގާނޫނު އަސާސީއާ ގާނޫނުތަކުގައި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ބޭނުން ވީހާވެސް ފުޅާދާއިރާއެއްގައި ހިފުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުންނެވެ. ނަމަވެސް އެއްވެސް ރައްޔިތަކު ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށްވެސް އެމަނިކުފާނު ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ