ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ، ގައުމީ ޚިދުމަތުގައި އުޅެންޖެހޭ ކުއްޖެއް

ސްކޫލް ނިންމައި ކޮންމެ ކުއްޖަކީ، މަދުވެގެން އެއްއަހަރު ގައުމީ ޚިދުމަތުގައި އުޅެންޖެހޭ ކުއްޖަކަށް ހަދަން މަސައްކަތް ކުރައްވާނެކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
 
މިނިސްޓަރ މިހެން ވިދާޅުވީ، މޯލްޑިވްސް ޕޮލިސް ސާރވިސްއިން މިއަދު ފެށި ބުލޫސް ފޯރ ޔޫތު ކޭމްޕް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
 ބްލޫޒް ފޯ ޔޫތުގެ ނަމުގައި ފުރާވަރު ކުދިންނަށް ޚާއްސަކޮށްގެން މިއަދު ފެށި ހަތަރު ދުވަހުގެ ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ މިސަރުކާރުގެ ސިޔާސަތަކީ ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ ގައުމީ ޚިދުމަތުގައި މަދުވެގެން އެއް އަހަރު އުޅެފައިވާ ކުއްޖަކަށް ހެދުން ކަމަށެވެ. އެހެންކަމުންމިއަދު މިފެށި ކޭމްޕް ފުޅާކޮށް ގައުމީ ފެންވަރުގައި މިކޭމްޕް ކުރިއަށް ގެންދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފަ ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ ކުށުގެ ވެށިން ޒުވާނުންނަށް ލިބޭނެ އުފަލެއް ނޯންނާނެކަމަށާއި، ކުށުގެ ވެށި ދޫކޮށް ހަރުދަނާ މީހަކަށް ވުމުން ލިބޭ އުފާ މާބޮޑުވާނެކަމަށެވެ.
 
ކޮމިޝަނަރ ވިދާޅުވީ ފުލުހުން ކުރާ މަސައްކަތުގައި ބައެއް ފަރާތްތަކުގެ ހިތްހަމަނުޖެހުން ހުރެދާނެ ކަމަށާއި އެހެންނަމަވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފަށާފައިވާ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
 
މީގެ އިތުރުން މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ  ގައުމެއްގެ އެންމެ ބޮޑު ރައުސްމާލަކީ އެ ގައުމެއްގެ ޒުވާނުން ކަމަށާއި މިއަދު ފެށި ކޭމްޕްގެ ސަބަބުން ޒުވާނުންނަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޒުވާނުން ބާރުވެރިކޮށް ޒިންމާދާރު ބަޔަކަށް ހެދުމަށް ރަނގަޅު ވަސީލަތާއިހުނަރު ބޭނުންވާނެކަމަށާއި، މިހާރު ހުރި ވަސީލަތްތަށް ބޭނުންކޮށްގެން ޒުވާނުންނަށް ފުރުސަތުތަށް ހުޅުވާލޭނަކަމަށެވެ.
 
ކެޑޭޓުންނަށް އަމާޒުކޮށްގެން މިއަދު ފެށި ކޭމްޕްގެ މަޤްޞަދަކީ ޒުވާނުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތްތަކާއި ބެހޭ މަޢުލޫމާތު ދިނުމައި، އަދަބު އިޙްތިރާމް އަދާކުރުމުގެ ހުނަރާއި، ކަންކަމުގައި ޒިންމާ ނަގަން ދަސްކޮށްދިނުމުގެ އިތުރުން، ވަކިކަހަލަ އުސޫލުތަކެއްގެ ތެރޭއިން މީހާގެ އަމަލުތައް ކޮންޓްރޯލް ކުރަން ދަސްކޮށްދިނުންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
 
 
މި ކޭމްގެ ތެރެއިން ބައިވެރިންނަށް ޓީމް ވޯކް، ލީޑަރ ޝިޕް ސްކިލްސް، ފަސްޓް އެއިޑް، ދީނީ ނަސޭޙަތް ދިނުން، ސިވިކް އެޑިއުކޭޝަން، ސެލްފް ޑިފެންސް ޓެކްނިކްސްގެ އިތުރުން ފުލުހުންގެ މަސައްކަތާއި ގުޅުންހުރި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. ބުލޫޒް ފޯ ޔޫތު ގެ ނަމުގައި މީގެ ކުރިން އައްޑޫގައި ކޭމްޕެއް ބާއްވާފައިވާއިރު، މިއަދު ފެށި ކޭމްޕް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ފޭދޫ ފިނޮޅުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ