ޕާޓީއެއްގެ މެންބަރަކަށް ވެވޭނެ ގޮތެއް އޮޅުންފިލުވަން އުމަރު ސުޕްރީމް ކޯޓަށް

ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ ކިހިނެއްކަން ކަނޑައަޅައިދިނުމަށް ޕީޕީއެމްގެ ކުރީގެ ނާއިބް ރައީސް އުމަރު ނަސީރު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ ކިހިނެތް ކަމެއް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ސާފުކޮށް ބުނެފައިނުވާ ކަމަށެވެ. އެހެންކަމުން އެކަމުގައި ސުވާލު އުފެދިފައިވާތީ އެކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅައި ދިނުމަށް ހުށަހެޅުއްވި މައްސަލައެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ ކިހިނެއް ކަމެއް ސިޔާސީ ޕާޓީތަކުގެ ގާނޫނުން ސާފުކޮށް އެނގެން ނެތް. ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ ޕާޓީގެ އޮފީހަށް ފޯމް ހުށަހެޅުއްވީމަތޯ؟ ނޫނީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވުނީމަތޯ؟ މިއީ ސުވާލު އުފެދިފައިވާ ކަމެއް. އެހެންވީމަ އަޅުގަނޑު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ މިކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށް،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީ ބާތިލު ކުރުމަށް އެންމެ ފަހުން އުމަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީގެ މެންބަރަކަށް ވެވޭނީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވުނީމާ ކަމަށް ގާނޫނުގައި ބުނެފައި ނުވާ ކަމަށެވެ. އެހެންކަމުން ޕާޓީ އޮފީހަށް ފޯމް ހުށަހެޅުމުން އެ މީހަކީ އެ ޕާޓީގެ މެންބަރެއް ކަމަށް ބަލަން ޖެހޭ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ