ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި ފުލުހުންނާއި ސިފައިން ޖަލަށްލުމަށް ހުކުމްކުރި!

މިމަހުގެ ހަ ވަނަ ދުވަހުގެ މެންދަމު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމުގައި އަމަލީ ގޮތުން ބައިވެރިވި ހުރިހާ ފުލުހުންނާއި ސިފައިން ޖަލަށްލުމަށް ހުކުމް ކުރެއްވި ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ފަރާތުން ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިމަހުގެ ފަސް ވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު ހަ ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ރަތަޓް ގިޔަރު އަޅައިގެން ތިބި ދިވެހި ސިފައިންނާއި ފުލުހުން، ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ހުއްދަ ނެތި އެކޯޓަށް ވަދެގަނެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުން ބުނެއެވެ.
"ފުލުހުންނާއި ސިފައިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދޮރުތައް ހަލާކުކޮށްލައިގެން ގަދަކަމުން ވަދެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމުގައި އަމަލީ ގޮތުން ބައިވެރިވި ހުރިހާ ފުލުހުންނާއި ސިފައިންގެ މައްޗަށް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން 15 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އެވަގުތުން ވަގުތައް ހުކުމް އިއްވަފާފައިވާނެ ކަމަށް އުއްތަމަ ފަނޑިޔާރުވަނީ ވިދާޅުވެފައެވެ." އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ސަލާމަތީ ބާރުތަކުން ކޯޓަށް ވަދެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްގެން ގެންދިޔައީ "ހަށިކޮޅަށް އަތްލައި ބިންމައްޗަށް ވައްޓާލައި ބިންމަތީގައި ދަމާ ކޫއްތައިގެން" ކަމަށްވެސް ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.
އެކަންކަމާ ގުޅޭ ގޮތުން ފުލުހުންނާއި ސިފައިންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ފަނޑިޔާރުންގެ ގާނޫނުގެ ބައެއް މާއްދާތައް ހިފެހެއްޓުމަށްފަހު ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދަށް ވެސް ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކްޓިން ކޮމިޝަނަ އޮފް ޕޮލިސް ޑެޕިއުޓި ކޮމިޝަނަ އަބްދުﷲ ނަވާޒު ވިދާޅުވީ އަބްދުﷲ ސައީދަށް ކުރަނީ ރިޝްވަތު ހިފުމާއި ސަރުކާރު ބަދަލު ކުރުމަށް ނުފޫޒު ބޭނުން ކުރުމުގެ ތުހުމަތާއި ދައުލަތް ހިންގުމަށް ހުރަސް އެޅުމާއި ޖިނާއީ އަދުލުގެ ނިޒާމު ހިންގަން ހުރަސް އެޅުން ކަމަށެވެ. ނަވާޒު ވިދާޅުވީ އުއްތަމަ ފަނޑިޔާރު ސައީދާ ދެކޮޅަށް ވެސް ހެކި ލިބިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ