އަބްދުﷲ ގާޒީގެ އާއިލާގެ ފަރާތުން ސިފައިންނާއި ފުލުހުންނަށް ސިޓީއެއް : އަބްދުﷲ ގާޒީ ހުންނެވި ތަނަކާއި އޭނާގެ ހާލަކީ ކޮބައިކަން އަންގަވައިދެއްވާ!
އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅިގެން ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤްމިދިޔަ ހޯމަ ދުވަހުގެ ރޭ ސިފައިން ހައްޔަރުކޮށްގެން މާލެއިން ބޭރަށް ގެންދިޔަ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހުރި ތަނަކާއި އޭނަގެ ހާލު އޮޅުންވިލުވައި ދިނުމަށް އެދި އާއިލާގެ ފަރާތުން ސިފައިންނާއި ފުލުހުންނަށް ސިޓީ ފޮނުވައިފި އެވެ.އާއިލާގެ ފަރާތުން މި ސިޓީ ފޮނުއްވީ އަބްދުﷲ ގާޒީގެ ވަކީލު އިބްރާހީމް ރިޒާއެވެ. ރިޒާ ވިދާޅުވީ އެސިޓީގައި ސިފައިންނާއި ފުލުހުންގެ ކިބައިން އެދިފައިވާނީ އަބްދުﷲ ގާޒީ ހުންނެވި ތަނެއް އެނގުމަށް އާއިލާ އިން ބޭނުންވާތީ އެކަން ކޮށްދިނުމަށާއި އޭނާގެ ހާލު އޮޅުންފިލުވުމަށް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްގެން ގެންދިޔަ ފަހުން އާއިލާއާ ބައްދަލުވެފައި ނުވާތީ އާއިލާއާ ބައްދަލުކޮށްދިނުމަށް ވެސް އެދިފައިވާނެ ކަމަށް ރިޒާ ވިދާޅުވި އެވެ.ރިޒާ ވިދާޅުވީ އަބްދުﷲ ގާޒީ ވީތަނެއް ހޯދުމަށް ރެއާއި މިއަދު އޭނާ އާއި އާއިލާ އިން ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުނުވާ ކަމަށެވެ. އަދި ސިފައިންގެ ފަރާތުން އެކަމުގައި އެކަށީގެންވާ ޖަވާބެއް ނުލިބޭ ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.ރިޒާ ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން، އަބްދުﷲ ގާޒީ ހައްޔަރުކޮށް ފޮރުވައިގެން ގެންގުޅުމުން އޭނާގެ އިންސާނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށާއި އާއިލާ އާއި ދަރިންނާ ބައްދަލުކުރުމުން ވެސް މަހުރޫމްކޮށްފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދި މިއަދު ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.މިދިޔަ ހޯމަ ދުވަހުގެ ރޭ 23:30 ހާއިރު ސިފައިންނާއި ފުލުހުން ޢަބްދުﷲ ގާޒީ އުޅުއްވާ ގެއަށް ގޮސް، ސިފައިން އޭނާ ހައްޔަރުކުރުމަށް ފަހު ގެންދިޔައީ ކޮން ތަނަކަށް ކަން މިހާތަނަށް އެއްވެސް މުއައްސަސާއަކުން ހާމައެއް ނުކުރެއެވެ. ރިޒާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު ލޯންޗަކަށް އަރުވައިގެން މާލޭން ބޭރަށް ގެންދިޔަކަން އެނގިފައިވާ ކަމަށާއި ނަމަވެސް ވީ ތަނެއް ނޭނގޭ ކަމަށެވެ.އަބްދުﷲ ގާޒީ ވީ ތަނެއް ނޭނގޭ ކަމަށް އިއްޔެ ފުލުހުންނާއި ބަންޑާރަ ނާއިބާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވެސް ވަނީ ބުނެފައެވެ.އަބްދުﷲ ގާޒީގެ ވަކީލު އިބްރާހިމް ރިޒާ ވިދާޅުވެފައި ވަނީ ސިފައިން އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށްފަހު އަބްދުﷲ ގާޒީ ބަހައްޓާފައި ހުންނެވި ތަނެއް މިހާތަނަށް ވެސް ބުނެދީފައި ނުވާ ކަމަށެވެ. ޢަބްދުﷲ ގާޒީ އާމެދު ސިފައިން ޢަމަލުކޮށްފައިވަނީ މުޅިންވެސް ގާނޫނާ ޚިލާފަށް ކަމަށާއޮ، ގާނޫނީ ވަކީލަކަށް އެއްވެސް ފުރުސަތު ނުދޭ ކަމަށް ރިޒާ ވިދާޅުވިއެވެ.ރިޒާ ވިދާޅުވީ އިއްޔެރޭ ގާތްގަނޑަކަށް މެންދަމު 2 ޖަހަންދެން އެމްއެންޑީއެފްގެ މައިމަރުކަޒުގައި ސިފައިންގެ މަރުކަޒުގައި ވަކީލެއްގެ ހައިސިއްޔަތުން ހުންނެވި ކަމަށާއި، ނަމަވެސް ސިފައިންގެ ފަރާތުން އެދެވޭ އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.އަދި ޢަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ސިފައިން ގެންގޮސް ލޯންޗަށް އެރުވިއިރު ރިޒާ އަށް ގުޅުއްވާފައި ލޯންޗަށް އެބައަރުވާ ކަމަށް ވިދާޅުވި ކަމަށާއި، ނަމަވެސް ރިޒާ ދިޔައިރު ސިފައިން ޢަބްދުﷲ ގާޒީ އާއެކު ފުރައިގެން ނައްޓާލައިފި ކަމަށެވެ.ޢަބްދުﷲ ގާޒީގެ އާއިލާގެ އެއްވެސް މީހަކަށް، އަނބިކަނބަލުންނަށް އަދި ދަރިންނަކަށް ވެސް މިހާތަނަށް ޢަބްދުﷲ ގާޒީ އާބެހޭ މައުލޫމާތެއް މިހާތަނަށް އަންގާފައިނުވާ ކަމަށް އެއާއިލާއިން ބުނެއެވެ. އަދި ޢަބްދުﷲ ގާޒީ އާއި ބައްދަލުކުރަން އާއިލާއިން ފުލުސް އޮފީހަށާއި ސިފައިންގެއަށް ދިއުމުން އެކަންވެސް ކޮށްދީފައިނުވާ ކަމަށް އާއިލާއިން ބުނެއެވެ.އާއިލާގެ މެންބަރަކު ބުނީ އެ ދެ ތަނުން ވެސް އެބޭފުޅުންނާ މުއާމަލާތުކުރީ ވަރަށް ހަރުކަށިކޮށް ކަމަށާއި، އަބްދުﷲ ވީ ތަނެއް ބަލަން ރަސްމީ ގަޑީގައި އަންނާށޭ ބުނި ކަމަށެވެ.އާއިލާ މެންބަރު ބުނީ އެ މުއައްސަސާތަކާއެކު ރޭގައި ވާހަކަ ދެއްކީ ވަރަށް ސުލްހަވެރިކަމާ އެކު ކަމަށާއި، ފުލުހުންނާއި ސިފައިން ކައިރިއަށް ދިޔައީ އަބްދުﷲ ހައްޔަރުކުރި ފަހުން 24 ގަޑިއިރުވީމަ ކަމަށެވެ.“އަޅުގަނޑުމެންގެ އާދޭހަކީ އަބްދުﷲ ވީ ތަނެއް ބުނެދޭށޭ. ގުޅޭނެ ގޮތެއް ހަމަޖައްސައިދޭށޭ. ދުނިޔޭގައި ހުރިކަމުގެ ޔަގީންކަން ދޭށޭ.” އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ