އުއްޗުގެ ހަރަދުގައި ހެދި ހެނބަދޫ ޖެޓީ ރައީސް ޑރ.ވަހީދު ހުޅުއްވާދެއްވައިފި

ނ.ހެނބަދޫ އިރުމަތީ ފަރާތުގައި ހެދި ޖެޓީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު ވަހީދު ހަސަން މަނިކު މިއަދު ހުޅުވައިދެއްވައިފި އެވެ.
މި ޖެޓީއަކީ ދިޓީވީގެ ވެރިޔާ އަދި ޗަމްޕާ ބްރަދާސްގެ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ހަރަދުގައި އެޅުއްވި ޖެޓީއެކެވެ. އާބާދީގައި 700 އެއްހާ މީހުން ދިރިއުޅެމުންދާ މި ރަށުގައި އެޅި ޖެޓީއަށް ހަރަދުވީ ކިހާ ފައިސާއެއް ކަމެއް އިނގިފައެއް ނުވެ އެވެ.
މި ޖެޓީ ހަދާފައިވަނީ ވަރަށް ރީތިކޮށް ވަރަށް ފަހުގެ ގޮތަކަށްކަން ފާހަގަކޮށްލެވެ އެވެ.
ގާތްގަނޑަކަށް 200 ފޫޓު ދިގުމިނުގެ މި ޖެޓީއާއި އެކު ފާޚާނާއަކާއި، އާންމުން ހިތްފަސޭހަކޮށް ލުމަށް މަޑުކޮށްލާ ގޮތަށް ފިނިއައްޓެއް ހެދުމުގެ އިތުރުން ކުޑަ ކުދިން ކުޅެ ހެދުމަށް ކުޑަ ކުދިންގެ ބަގީޗާއެއް ވަނީ ހަދާފަ އެވެ.
މި ރަށުގައި ހަދައިދީފައިވާ މި ޖެޓީއަކީ، ރަށަށް އަރާ ފޭބުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ހަދައިދިން ޖެޓީއެކެވެ.
ޖެޓީ ހުޅުއްވައިދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހެނބަދޫ އިރުމަތީ ފަރާތު ޖެޓީ ސަރަހައްދުގައި ހަދާފައިވާ ހިތް ފަސޭހަ މައިދާނުގައި ކުރިއަށް ގެންދިޔަ ކުޑަ ކުދިންގެ ޘަގާފީ ހަރަކާތްތައް ބައްލަވާލައްވާފައެވެ. އަދި މިޖެޓީ ބައްލަވާލައްވާފައިވެ އެވެ.
ޖެޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.ވަހީދު ވާހަކަފުޅުނުދެއްކެވި ނަމަވެސް ރައީސް އާއި އުއްޗުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރ ޑރ އަހުމަދު އާސިމްއާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިންނާއި ކައުންސިލު އިދާރާއާއި ހެނބަދޫގައި ހުރި ސަރުކާރު އިދާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތަށް ފަހު ރައީސް ޑރ ވަހީދު ވަނީ ހެނބަދޫ ރައްޔިތުންނާއި އެ ރަށު ސްކޫލުގައި ބައްދަލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ