އެސްއޯއެފް ޝަރީއަތަށް ހާޒިރު ނުވާ ނަމަ ޣައިރު ހާޒިރުގައި މައްސަލަ ހިންގަނީ

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުން އޮތްކަމުގެ ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނި އަތުން 160 މިލިއަން ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ކުރާ ދައުވާގެ ޝަރީއަތަށް އެސްއޯއެފް ހާޒިރުނުވެއްޖެ ނަމަ އެ މައްސަލަ ޣައިރު ހާޒިރުގައި ހިންގާނެ ކަން ކޯޓުން އިއުލާންކޮށްފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތް ގުޅުމެއް އޮންނަ އަދި މިހާރު ފިލައިގެން ރާއްޖެއިން ބޭރުގައި އުޅޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ހިއްސާ އޮތް އެސްއޯއެފްއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް އެކި ފަރާތްތަކަށް ބެހި ކަމުގެ ތުހުމަތު ކުރެވޭ ކުންފުންޏެވެ.
އެމްއެމްޕީއާރުސީން ދައުވާކުރަނީ އެ ދެ ކުންފުނީގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން އެމްއެމްޕީއާރުސީ އަށް ލިބެންޖެހޭ 10.3 މިލިއަން ޑޮލަރު (158 މިލިއަން ރުފިޔާ) އާއި އެ ކުންފުނިން އެސްއޯއެފަށް ދޫކުރި ހަތަރު ލައްކަ ޑޮލަރު (6.1 މިލިއަން ރުފިޔާ) އެއްފަހަރާ ހޯދުމަށެވެ.
އެ މައްސަލައިގެ ޝަރީއަތުގެ އަންނަ ބުރާސްފަތި ދުވަހު ބާއްވާ އަޑުއެހުމަށް އެސްއޯއެފް އިން ހާޒިރު ނުވެއްޖެ ނަމަ އެ މައްސަލަ އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހިންގަން ފަށާނެ ކަން ކޯޓުން އިއުލާން ކުރީ އެސްއޯއެފަށް ޗިިޓް ހަވާލު ނުކުރެވިގެންނެވެ.
އެސްއޯއެފްގެ އޮފީސް ކުރިން ހިންގި އެޑްރެހުގައި އެ ކުންފުނި މިހާރު ނުހިންގާތީ އެ ކުންފުންޏަށް ޗިޓް ހަވާލު ނުކުރެވޭ ކަން ވަނީ އެނގިފަ އެވެ.
ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ބުނާގޮތުން މަދަނީ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތަކުން ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ނުވަތަ އެ ފަރާތް ވީތަނެއް ނޭނގޭ ނަމަ ޣައިރު ހާޒިރުގައި މައްސަލަ ހިންގާނެ ކަން އިއުލާން ކުރުމަށް ފަހު، ޣައިރު ހާޒިރުގައި މައްސަލަ ހިންގައި ހުކުމް ކުރެވިދާނެ އެވެ.
ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، އެކި ފަރާތްތަކަށް ވަނީ ބަހައިފަ އެވެ. އޭގެ ތެރެއިން ފަސް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވިކަން ސާބިތުވެ، އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ޖަލަށްލާން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ