އިންޖީނުގެ އެނދުމުން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުމެއް ލިބިފައިވޭ: ކައުންސިލް

ށ. ބިލެތްފަހި އިންޖީނުގޭގައި އަލިފާން ރޯވުމާއި ގުޅިގެން ދެ މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ބިލެތްފަހި ކައުންސިލް ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ރަށުގެ އިންޖީނުގެ އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށާއި ދެ މިލިއަން ނުވަތަ ތިން މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ގެއްލުން ލިބިފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
ޒިޔާދު ވިދާޅުވީ ރަށަށް މިހާރު ވަގުތީގޮތުން ކަރަންޓު ދީފައިވާ ކަމަށާއި އޭގެއިން މުޅި ރަށަށް އެކަށީގެންވާ ވަރަށް ކަރަންޓު ފޯރުކޮށްދެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި މުޅި ރަށަށް ދާއިމީ ކަރަންޓު ފޯރުކޮށްދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބިލެއްފެއްސަށް ވަގުތީ ކަރަންޓު ދިނީ އެ އަތޮޅު ފޭދޫއިން 120 ވޮޓްގެ އިންޖީނަކާއި ހއ. ފިއްލައިދޫން ޕެނަލްއެއް އެ ރަށަށް ގެންގޮސްގެން ރޭ ގާތްގަނޑަކަށް 12:15 ހާއިރު އެވެ.
ޒިޔާދު ވިދާޅުވީ އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ އިންޖީނުގޭގެ ޖާގައިގެ ދަތިކަން ކުރިމަތިވުމުން މީގެ ކުރިންވެސް އެކަން ކަމާގުޅޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އިންޖީނުގެ އަޅާފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި އިންޖީނުގެ އެޅުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެރަށުގެ އިންޖީނުގެ އަނދާ ހުލިވުމުން ފެނަކަ ކޯޕަރޭޝަނާއި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާތީ ޝުކުރު އަދާ ކުރާ ކަމަށާއި އަދި އެދެނީ ވީއެންމެ އަވަހަށް ރަށުގެ ރައްޔިތުންގެ ހާލު ބެލުމަށް ސަރުކާރުން ރަށަށް ޒިޔާރަތް ކުރުމަށް ކމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ