އާތިފާގެ އިސްތިއުފާއަކީ ގައުމަށް ލިބުނު ގެއްލުމެއް: ރައީސް މައުމޫން

ހައުސިން އެންޑް އާބަން މިނިސްޓަރުގެ މަގާމުން އާމިނަތު އާތިފާ ޝަކޫރު އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ގެއްލުމެއް ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިފަ ކުރައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އާތިފާއަކީ ހިތްވަރު ގަދަކަމާއި އިހުލާސްތެރިކަމުގެ ނަމޫނާއެއް ކަމަށާއި އެކަމަނާ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވީ ތެދުވެރިކަމާއެކު ކަމަށެވެ. އަދި އާތިފާ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރުގެ މަގާމުން އާތިފާ އިސްތިއުފާ ދެއްވާފައިވަނީ އެކަމަނާގެ ސިއްހީ ހާލުކޮޅު ގޯސް ވެގެންނެވެ. މިއަދު އާތިފާގެ އިސްތިއުފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަބޫލުފުޅު ކުރައްވައިފައެވެ.
ހައުސިން މިނިސްޓަރުކަމުން އާތިފާ އިސްތިއުފާ ދެއްވުމުން، ރައީސް ސޯލިހު ވަނީ ހައުސިން މިނިސްޓްރީ އުވާލައި، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލު ކުރައްވައިފިއެވެ.
ހައުސިން މިނިސްޓަރުގެ މަގާމަކީ ރައީސް މައުމޫނު އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އަށް ދީފައި އޮތް ސްލޮޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ