ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެވުނީތީ މައާފަށް އެދެން: ރައީސް މައުމޫން

އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާފަންނު ކުނޫޒްގައި މިރޭ ބާއްވަމުންދާ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސަައްކަތް ކުރެއްވީ ހެޔޮ ނިޔަތުގައިކަމަށެވެ. ނަމަވެސް މިއަދު ސަރުކާރުން ކަންކަން ކުރަމުންދަނީ ގާނޫނީ އިމުން ބޭރުންކަމަށާ އެކަމާއި ހިތާމަކުރައްވާކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވީ ހެޔޮނިޔަތުގައިކަމަށާ ނަމަވެސް މިއަދު ވެރިކަމުގައި ހުންނަވާ އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަންކަމާއިމެދު ވިސްނާލުމުން ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ހިތާމަކުރައްވާކަމަށެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވީ އަބްދުﷲ ޔާމީން އަބުދުލްގައްޔޫމަކީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްކަމަށްވުމުންކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޔާމީން ވެރިކަމަށް ގެނައުމަށް އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތަށް ރައްޔިތުން ހެކިވާނެކަމަށެވެ.
މިއަދުގެ ސަރުކާރުން ގާނޫނީ އިމުން ބޭރުން އެތަށްކަމެއް ކުރައްވަމުން ގެންދާއިރު، މި ސަރުކާރު ގެނައުމަށް ބުރަކޮށް މަސައްކަތްކުރި މީހުންގެ ބޮލުގައިވެސް އެކަމުގެ ޒިންމާއާއި ބަންދުނާމު އެޅޭނެކަމަށް ގަބޫލުކުރައްވާތީ ދިވެހި ހުރިިހާ ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެެދޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ކުނޫޒަށް އެއްވެފައިވާ އެތަށް ސަތޭކަ އާންމުން ވަނީ ކޮޅަށްތެދުވެވަޑައިގެން ރައީސް މައުމޫނަށް މައާފުކުރައްވާ ހިތްވަރު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ