ރައީސް މައުމޫން ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާ ބައްދަލުކުރެއްވުމަށް އޭނާގެ ބައްޕަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު މާފުށި ޖަލަށް ވަޑައިގެންފި އެވެ.
ފާރިސް މައުމޫން މިދިޔަ ޖުލައި މަހުގެ 18 ވަަނަ ދުވަހު ޖަލުގައި ބަންދުކުރި ފަހުން ރައީސް މައުމޫން ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.
މައުމޫނާ އެކު މިއަދު ޖަލަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ފާެރިސްގެ ދައްތަ އަދި މިސަރުކާރުގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވެސް ހިމެނިވަޑައިގަންނަވަ އެވެ. ފާރިސްގައި ޖަލުގައި ހައްޔަރުކުރި ފަހުން މިއީ ދުންޔާ ވެސް ޖަލަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ފާރިސްގެ މަންމަ ނަސްރީނާ އިބްރާހީމާއި ދައްތަ ޔުމްނާ މައުމޫން ވަނީ މާފުށި ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރައްވާފަ އެެވެ.
ފާރިސް ޖަލުގައި ބަންދުކުރި މައްސަލާގައި ރައީސް މައުމޫނާއި ދުންޔާ މައުމޫން ގެންދަވަނީ ވަރަށް ބޮޑަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ފާޑު ވިދާޅުވަމުންނެެވެ. އަދި ފާރިސްގެ މައްސަލާގައި ރައީސް މައުމޫން މީގެ ކުރިން ވަނީ ބޭރު ދުނިޔޭގެ ބަހާ އަމަލު ދިމާނުވާ ކަމަށް ވިދާޅުވެ ބައިނަލްއަގްވާމީ މުޖުތަމައަށް ވެސް ފާޑު ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ