މައުމޫންގެ ވެރިކަމުގައި ތީމުގޭގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކުރާ ތަހުގީގަކަށް ބައެއް ކަންކަން ސާފުކުރަން ބޭނުންވާނަމަ އޭސީސީއަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެ އޭސީސީއަށް ހާޒިރުވެވިދާނެ ތާރީޚުތަކެއް ރައީސް މައުމޫން އަންގަވައިފިއެވެ.
އެކަން ރައީސް މައުމޫން އަންގަވާފައިވަނީ މިއަދު އޭސީސީގެ ރައީސް ހަސަން ލުތުފީއަށް އެޑްރެސްކުރައްވާ ފޮނުއްވާފައިވާ ސިޓީއެއްގައެވެ.
ރައީސް މައުމޫންގެ ސިޓީގައި ވިދާޅުވީ ރިޔާސީ ގަނޑުވަރު ތީމުގޭގެ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ހިމެނޭ މައްސަލަތަކުގެ ތެރެއިން 2 މައްސަލައެއް ބަލަމުން ގެންދާކަަމަށް އޭސީސިން ބުނެފައިވާތީ، އެކަމަށްޓަކައި އޭސީސީގެ ތަހުގީގު ޓީމެއް ރައީސް މައުމޫންގެ ގާތަށް ވަޑައިގަތުމަށްވުރެ އޭސީސީއަށް އެމަނިކުފާނު ހާޒިރުވުމަކީ ރަނގަޅުގޮތްކަމުގައި ދެކޭކަމަށެވެ.
މިގޮތުން އެންމެ ރަނގަޅުކަމުގައިވާނަމަ މި ޖުލައި މަހުގެ 4 ނުވަތަ 5 ވަނަ ދުވަހުން ކުރެ ދުވަހެއްގެ މެންދުރު 13:00 އަށް އޭސީސީއަށް ހާޒިރުވެވިދާނެ ވާހަކަ ދަންނަވާކަމަށް މައުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
އަދި އެމަނިކުފާނު އޭސީސީއަށް ވަޑައިގަންނަވާއިރު، އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަޝްހޫރު ގާނޫނީ ވަކީލު އަދި ރައީސް މައުމޫންގެ ކޮއްކޯފުޅު މައުމޫން ހަމީދުވެސް ވަޑައިގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
މައުމޫންގެ ވެރިކަމުގައި ތީމުގޭގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކުރާ ތަހުގީގަކަށް ބައެއް ކަންކަން ސާފުކުރަން ބޭނުންވާތީ، އޭސީސީން އެމަނިކުފާނުގެ އަރިހަށް ދިއުމަށް ބޭނުންވާކަމަށް ބުނެ އޭސީސީން ވަނީ ރައީސް މައުމޫނަށް ސިޓީއެއް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި، ކުރީގެ ރައީސުންނާއި، އުއްތަމަ ފަނޑިޔާރާއި، އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މަޖިލީހުގެ ކުރީގެ ރައީސުން އޭސީސީއަށް އެއްވެސް މައްސަލައެއްގައި ހާޒިރުކުރުމުގެ ބަދަލުގައި، އެބޭފުޅަކާ މެދު ޝަކުވާއެއް ހުށަހެޅިއްޖެނަމަ، ބަޔާން ނަގާނީ އަރިހަށް ގޮސްގެން ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.
އެކަމާއި ކުރިން ރައީސް މައުމޫން ކުރިން ވިދާޅުވީ އޭސީސީއަށް ވަޑައިގަންނަވާނީ އެމަނިކުފާނުކަމަށާ އެމަނިކުފާނާއި ހަމައަށް ވަޑައިގަންނަން އޭސީސީގެ މެންބަރުންނަށް ނުޖެހޭނެކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު އޭސީސީއަށް ހަޒިރުވާއިރު، އެތަނަށް މީޑިއާތަކުންވެސް ދާންޖެހޭނެކަމަށެވެ. އަދި މުޅި ގައުމު މިކަން ދެކި އަޑުއަހަންޖެހޭނެކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫނާއިމެދު ކުރެވޭ ތުުހުމަތުތަކާއި ގުޅޭގޮތުންވެސް އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް މައުމޫން ވިދާޅުވީ ކަމުގެ ހަގީގަތް އެނގުމުގެ ހައްގު ތައްޔިތުންނަށް އެބައޮތްކަމަށެވެ. އަދި ވިދާޅުވީ ފޮރުވަންޖެހޭ ފަދަ އެއްވެސްކަމެއް އެމަނިކުފާނު ކުރައްވާފައިނުވާނެކަމަށެވެ.
ތީމުގޭގެ އޮޑިޓް ރިޕޯޓުގެ މައްސަލައިގައި ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން އަދި ރައްޔިތންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް އޭސީސީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.
އޭސީސީއަށް ހާޒިރުވެވިދާނެ ތާރީޚުތަކެއް ރައީސް މައުމޫން އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ